English Edition
Dhivehi Edition

އައްޑޫ ސިޓީގެ ލިންކްރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، ދަތުރުފަތުރުކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވުމާ ގުޅިގެން، އެ މަގު ހެދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށައިދިނުމަށް އެދި އެ ސިޓީގެ ރައްޔިތުންތަކެއް އިހުތިޖާޖުކޮށްފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ލިންކްރޯޑު ތަރައްގީކުރުމުގެ މަސައްކަތް ކުރިން އާރުޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، މަސައްކަތް ލަސްވުމުގެ ސަބަބުން ފަހުން ސަރުކާރުން ވަނީ އެ މަސައްކަތް ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައެވެ. ނަމަވެސް އަމަލީ މަސައްކަތް ފެށުން ލަސްވަމުންދާތީ އައްޑޫ ޒުވާނުން އިސްނަގައިގެން މި އިހުތިޖާޖު ކުރިއަށްގެންދަނީ މިކަމުގެ ކަންބޮޑުވުން ބޮޑުވެގެންނެވެ.

މި އިހުތިޖާޖުގެ ބައިވެރިން ފާހަގަކޮށްފައިވާގޮތުގައި ލިންކްރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދުމުގެ ސަބަބުން، އެ މަގުން ދުއްވާއިރު އުނަގަނޑާއި މައިބަދަ “ބިނދިގެންދާހާ” ވޭން ބޮޑުކަމަށާއި، އަގުބޮޑު އުޅަނދުތައް ހަލާކުވަމުންދާ ކަމަށް ބައިވެރިން ބުނެފައިވެއެވެ. ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮތް އައްޑޫގެ އިގުތިސާދާ ގުޅިފައިވާ މި މަގުގައި، މިހާރު 20 ކިލޯމީޓަރަށްވުރެ ބާރަށް ނުދުއްވޭ ކަމަށާއި، އޭގެ ސަބަބުން ގަޑިއަށް ޑިއުޓީތަކަށާ މަސައްކަތްތަކަށް ނުދެވި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

އައްޑޫ ލިންކްރޯޑަކީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެއްގަމު މަގުން ގުޅުވައިދޭ މައި ހައިވޭއެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމގޮތަށެވެ. ނަމަވެސް މި މަގުގެ ހާލަތު ގޯސްވެފައިވާތީ، ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.