އައްޑޫ ލިންކްރޯޑުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް، ވަކިން ހާއްސަކޮށް އެ މަގު ބޭނުންކުރާ ފަރާތްތަކަށް ލިބެމުންދާ ދަތިތަކާއި، އެކަމާ ގުޅިގެން ޒުވާނުން ނުކުމެ ކަންބޮޑުވުން ފާޅުކުރުމުން އެ ޒުވާނުންނަށް ސޯޝަލް މީޑިއާގައި އަމާޒުވި ފުރައްސާރައަކީ ކަންބޮޑުވާންޖެހޭ މައްސަލަކެވެ.
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ތަކުލީފުތަކާއި، އުޅަނދުފަހަރަށް ލިބޭ ގެއްލުންތަކަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކޮންމެ ދުވަހަކު ވަޒީފާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރާ މީހުންނަށް މިކަމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. ހާއްސަކޮށް ވިއްސާރަވެ ފެންބޮޑުވެއްޖެ ނަމަ ދަތުރުކުރުމަކީ އެހާ ބިރުވެރިކަމަކަށް މިއަދުވަނީ ވެފައެވެ.
މިހުރިހާ ކަންބޮޑުވުންތަކަކާއެކު އިއްޔެ އައްޑޫގެ ޒުވާނުން އިސްނަގައިގެން ބޭއްވި އިހްތިޖާޖަކީ އައްޑޫގެ ކޮންމެ ރައްޔިތެއްގެ އަޑެވެ. ދިމާވި އެކިއެކި ސަބަބުތަކާއި ހެދި މި އިހްތިޖާޖުގައި ގިނަ ބަޔަކަށް ބައިވެރިނުވެވުނު ނަމަވެސް މިކަމުގައި އިސްނެގި ޒުވާނުންނަށް އައްޑޫގެ ގިނަ ބަޔަކު ‘ސެލިއުޓް’ކުރެއެވެ. އެހެންނަމަވެސް ހިތާމައަކީ މި މަސައްކަތް އަވަހަށް ފެށުމަށް ގޮވާލާ ބޭއްވި އިހްތިޖާޖު ސިޔާސީކޮށް އިހްތިޖާޖުގެ މަގްސަދު އޮޅުވާލުމަށް އައްޑޫ އަށް ނިސްބަތްވާ މީހުން މަސައްކަތްކުރިކަމެވެ. އިހްތިޖާޖުގެ ބައިވެރިންނަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައިކޮށްފައިވާ ކޮންމެ ޕޯސްޓައްގެ ފަހަތުގައިވަނީ ކޮންމެވެސް އެއްގޮތަކަށް މި މަގު ބޭނުންކުރާ މީހެކެވެ.
ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ލޯބިކުރުމަކީ ކުށެއް ނޫނެވެ؛ އެހެންނަމަވެސް، ގައުމެއްގެ ނުވަތަ ރަށެއްގެ ތަރައްގީއާއި ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ވުރެ ސިޔާސީ ޕާޓީ ނުވަތަ ވަކި ފިކުރެއް އިސްކުރުމަކީ ރަށުގެ ކުރިމަގަށް އޮތް ބޮޑު ހުރަހެކެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ހޯދައިދިނުމަށް ވަކާލާތުނުކުރެވޭ ކަނު މީހަކަށްވެގެން ނުވާނެއެވެ. ބަސްބުނެ ވަކާލާތުކުރެވެން ޖެހެއެވެ. ފާއިތުވި ކޮންމެ ވެރިކަމެއްގައި ފެނިގެން ދިޔައީ އައްޑޫ ރައްޔިތުން ސިޔާސީ އޮއިވަރުގައި ޖެހި އައްޑޫގެ ތަރައްގީއަށް ހުރަސްއަޅަމުންދާ މަންޒަރެވެ. އައްޑޫ ސިޓީގައިވެސް ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން މުހިންމު ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިފައިވާކަމަށް ގިނަ ބަޔަކު ދެކެއެވެ. ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމުގެ ތެރޭގައި ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ލާބައަށް ހުރަސްއެޅޭ ކަންކަމުގައި ބަސްބުނަން ކެރެންޖެހޭނެއެވެ.
ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި، ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ވާހަކަދެއްކުމާއި ހައްގުތައް ހޯދަން ވަކާލާތު ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެކެވެ. އަދި ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ބާރުއެޅުމަކީ އެ ސަރަހައްދެއްގެ ކުރިއެރުމަށް ކޮންމެހެން ބޭނުންކަމެކެވެ.މިފަދަ ކަންކަމުގައި ފުރައްސާރަކުރުމުގެ ބަދަލުގައި، ރައްޔިތުންގެ އަޑުއަހައި، ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ.
ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް، ރައްޔިތުންގެ ހައްގުތަކާއި، އަސާސީ ބޭނުންތަކާއި، އަދި ރަށެއްގެ ނުވަތަ ގައުމެއްގެ ތަރައްގީއަށްޓަކައި އަބަދުވެސް ވަކާލާތު ކުރަން ޖެހޭނެއެވެ. ވެރިކަން ހިންގާ ފަރާތްތަކަށް ޒިންމާދާރުކުރުވުމާއި، ރައްޔިތުންގެ އަޑުއުފުލުމަކީ ދިމާވާ ކަންކަމުގައި ހައްލު ހޯދުމަށް އޮތް އެންމެ މުހިންމު އެއް މަގެވެ. ސިޔާސީ ކުލައަކަށް ބެލުމެއްނެތި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މިފަދަ ކަންކަމުގައި އެކުވެރިކަމާއެކު އަޑުއުފުލުން މުހިންމު ވަނީ މި ސަބަބާ ހުރެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުން ހޭލުންތެރިވެ، ސިޔާސީ ފަރާތްތަކުގެ ކިބައިން ޖަވާބުދާރީވުމަށް އެދުމަކީ، މުޖުތަމައެއް ކުރިއެރުވުމަށް އެންމެ ބޭނުންވާނެ އެއް ސިފައެވެ.