ކާބަފައިންގެ ޒަމާނުއްސުރެ ދައްކަމުން އަންނަ “ފައިސާ އެއީ ގަހުގައި އަޅާ އެއްޗެއް ހެއްޔެވެ؟”މި ބަސްބަހުގެ ހަގީގަތަކަށް ވެއްޖެނަމަ ވާނީ ކޮން ކަހަލައަކަށް ކަމާމެދު ވިސްނާލާފައިވޭ ހެއްޔެވެ؟ އަންނަން އޮތް ސިީރީޒް ‘މަނީ ޕްލާންޓް’ އިން ގެނެސްދެނީ މި މަޝްހޫރު ވާހަކަ މުޅިން އާ ގޮތަކަށެވެ. މި ފިލްމު ގެ ޝައުގުވެރި ވާހަކައިން ދައްކުވައިދެނީ އާދައިގެ ޢާއިލާއަކާއި ހާއްސަ ގަހެއްގެ ވަށައިގެން ހިނގާ މަޖާ އަދި އަޖައިބު ކުރުވަނިވި ކަންތައްތަކެކެވެ.
މި ސީރިޒް އާއި ގުޅޭ ގޮތުން އާންމުކޮށްފައިވަނީ ވީޑިއޯއިން ފެންނަނީ މަންމައަކު އޭނާގެ ދަރިފުޅު ކައިރީގައި ފަތްޕިލާވެލި (ކޮތަނބަރި ފަތް) ގެނައުމަށް އެދުމުން، އޭގެ ބަދަލުގައި ގަހެއް ހިފައިގެން އަންނަ މަންޒަރެވެ. އޭނާ ކިޔައިދޭ ގޮތުގައި އެއީ ބާޒާރުން ދިމާވި މުސްކުޅި އަންހެނަކު ދިން އެއްޗެކެވެ. ވަގުތުން ކުއްޖާގެ މަންމަ ހިތުގައި ޝައްކު އުފެދި އެއީ ސިހުރު ހަދާފައިވާ އެއްޗެއްކަމުގައި ވިސްނައެވެ.
އެއަށްފަހު، އެ އާއިލާގެ ދިރިއުޅުމަށް އާދަޔާހިލާފު ބަދަލުތަކެއް އަންނަން ފަށައެވެ. ސުނީތާއަށް ފާހަގަވަނީ ކޮންމެ ދުވަހަކުވެސް އެމީހުންގެ ގެއަށް ބަދަލުތަކެއް އަންނަމުންދާ ކަމެވެ. ކުދިންނަށް އާ ހެދުމާއި، އާ ތަކެއްޗާއި، އެންމެފަހުން ރަންތައް ވެސް އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަމުންދެއެވެ. ކުރިން ހީވީ ހަމައެކަނި ނަސީބު ރަނގަޅުވީ ކަމަށެވެ. ނަމަވެސް، ކުއްލިއަކަށް ލިބެމުންދާ މި މުއްސަނދިކަމުގެ އަސްލަކީ ކޮބައިތޯ ސުވާލު އުފެދެން ފަށައެވެ.
މި ސިއްރުވެރި ބަދަލުތަކަކީ ސުނީތާގެ ވަށައިގެން ތިބި މީހުންގެ ވެސް ސަމާލުކަން ލިބެމުންދާ ކަމެކެވެ. ޝައްކުގެ އިނގިލި ދިއްކުރެވެނީ މުސްތަރު ރަޖޭޝްގެ މައްޗަށެވެ. ކުއްލިއަކަށް ލިބުނު މުއްސަނދިކަމާއެކު އޭނާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދެއެވެ. ރިޝްވަތުގެ ތުހުމަތާއި އޭގެ ސަބަބުން ކުރިއަށްދާ ތަހުގީގުތަކުން މި ވާހަކައަށް އިތުރު ފޯރިއެއް ގެނުވައެވެ.
އެ މަންޒަރުތައް ކުއްލިއަކަށް ބަދަލުވެގެންދަނީ “ފުރަން ތައްޔާރު ވުމަށް” ގޮވާލާ އަޑަކާއެކުގައެވެ. އަދި އޭގެފަހުން “ހުއްޓާލާށޭ!” ގޮވާލައި މުޅި މަންޒަރު ހަލަބޮލިވެގެންދެއެވެ. މިފަދަ ލަފާނުކުރެވޭ ބަދަލުތަކުން، ސިއްރު ގަހުގެ ސަބަބުން ދެން ވާނީ ކިހިނެއް ކަމާމެދު ސުވާލު އުފެދެއެވެ.
މަނީ ޕްލާންޓް ގައި މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ޕްރަކާޝް ބަރްދުވާޖް، ޕްރަނަވް މެހްރާ، އަދި ނެތްރާ ތަކަރު އެވެ. މިއީ އާދައިގެ އާއިލީ ދިރިއުޅުމާއި، ސިއްރުވެރިކަމާއި، ސަމާސާ އަދި ހިޔާލީ ފައްތަރެއް އެކުލެވިގެންވާ ސިީރީޒެކެވެ. މިއީ ފައިސާ ގަހުގައި ހެދޭކަމަށް ބުނާ އިންޑިޔާގެ މަޝްހޫރު ވާހަކައަށް އާ ކުލައެއް ގެނެސްދޭނެ ސިީރީޒެކެވެ.