English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކަނޑައަޅާފައިވާ އޮޕަރޭޝަނަލް ޕްރިއޮރިޓީސްގެ ދަށުން “ޒީރޯ ޑެތް” އަށް އަމާޒުކޮށްގެން އެވެއަރނެސް އަދި ޕްރިވެންޝަން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫސިޓީގެ ލިންކް ރޯޑުގައި ހެލްމެޓް އަޅަން ކަނޑައެޅިފައިވާ ސަރަޙައްދުގައި ހެލްމެޓް ނާޅައި ދުއްވުމާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ހެލްމެޓް ބޭނުން ކުރަމުންދިއުން އިތުރުވެފައިވާކަމަށެވެ.

ލިންކް ރޯޑުގައި ހިނގާފައިވާ ގިނަ އެކްސިޑެންޓް ތަކުން ފުރާނައަށް ގެއްލުންވަނީ މީހުންގެ ބޮލަށް ލިބޭ ގެއްލުމުގެ ސަބަބުންކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ އެހެންކަމުން ފުލުހުންގެ ޚިދުމަތުން މިހާރު ކަނޑައަޅުއަވާފައިވާ އޮޕަރޭޝަނަލް ޕްރިއޮރިޓީސްގެ ދަށުން “ޒީރޯ ޑެތް” އަށް އަމާޒުކޮށްގެން އެވެއަރނެސް އަދި ޕްރިވެންޝަން ހަރަކާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މި ގޮތުން މި ހަރަކާތް ފެށުމުގެ ގޮތުން 01 ސެޕްޓެމްބަރު2022 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީގައި ހެލްމެޓް އެޅުމަށް ކަނޑައެޅިފައިވާ ނުވަތަ 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަޙައްދުތަކުގައި A1 އަދި A0 ގިންތީގެ އުޅަނދެއް ދުއްވާއިރު އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ބޭނުންކުރަންވާނީ ޤަވާޢިދުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓްތައްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިކަން ކަށަވަރުކޮށް އެކަން ތަންފީޛުކުރުމަށް ދިވެހި ފުލުހުން ޙަރަކާތްތެރިވަމުންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.