English Edition
Dhivehi Edition

އިއްޔެ ފާއްދާލި އިރާއެކު މުޅި އައްޑޫސިޓީ އަށް ވެރިވެގެން ދިޔައީ ހިތާމަވެރިކަމެވެ. އައްޑޫސިޓީ ލިންކުރޯޑުގައި އެކްސިޑެންޓެއް ހިނގައި ޒުވާން އަންހެނަކު ސީރިއަސް ހާލަތުގައި އޮތް ވާހަކައިގެ އަޑު ފެތުރިގެން ދިޔައީ ހަލުވިކަމާއެކުގައެވެ. ވަކިން ޚާއްޞަކޮށް އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރެވުމުގެ ޗާންސް ކުޑަކަމަށް ޑޮކްޓަރުން ބުނަމުން ދިޔަ ވާހަކަ ގިނަ ބަޔަކު އަޑުއެހީ ހިތްދަތިކަމާއެކުގައެވެ. އެކްސިޑެންޓްގައި ލިބުނު ސީރިއަސް އަނިޔާގައި ހޭނާރާ އޮވެ އަންހެން މީހާ ނިޔާވެގެން ދިޔައީ އެތަކެއް ބައެއްގެ ހެޔޮދުއާ އާއެކު ގިނަ ލޯތަކެއް ރޮއްވަމުންނެވެ.

އައްޑޫސިޓީ ހިތަދޫ ސަންރީފް އުމުރުން 44 އަހަރުގެ ފާތިމަތު އަސްމާ އަކީ ހަމަ އެކަނި 3 ކުދިންގެ މަންމައެއް ނޫނެވެ. އެއީ މުޅި އެ އާއިލާގެ މައިބަދައެވެ. ލޮބުވެތި އަންބެކެވެ. ގިނަ ދަރިވަރުންތަކެއްގެ ލޯބިވާ އާންޓީއެކެވެ. ހިތްހެޔޮ މިތުރެކެވެ. އާއިލާއަށް އެހީތެރި ދަރިއެކެވެ. ދަންނަ އަދި ނުދަންނަ މީހުންނަށް ވެސް އަސްމާ ސިފަކުރެވެނީ ޚުލްގު ހެޔޮ ގާތް މީހެއްގެ ގޮތުގައެވެ.

2016 ވަނަ އަހަރު ފިރިމީހާއަށް ލިބުނު ސީރިއަސް އަނިޔާތަކެއްގައި އެތަކެއްދުވަހު ތަންމަތީގައި އޮތް އިރު މިއަދު ފިރިމީހާ އަމިއްލައަށް އުޅެވޭވަރުވީ އަސްމާގެ މިންނެތް މަސައްކަތުންނެވެ. ފިރިމީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އެތަކެއްފަހަރު ރާއްޖޭން ބޭރަށް އަސްމާ ދިޔައީ ޕްރީސްކޫލްގައި އާންޓީއެއްގެ ގޮތުގައި ބުރަކޮށް މަސައްކަތް ކޮށް ފައިސާ ހޯދައިގެންނެވެ. ފިރިމީހާގެ ކުއްލި ބަލިވުމާއި އެކު އާއިލާއަށް އާމްދަނީ ލިބެމުންދިޔަ ދޮރު ބަންދުވުމުން ކުޑަކުޑަ 2 ކުދިންނާއި އަދި ދޮށީ ދަރިފުޅުގެ ހުރިހާ ޚަރަދު ބަރަދު ބެލެހެއްޓީ އަސްމާގެ ބުރަ މަސައްކަތުންނެވެ. ލޯތްބާއި އޯގާތެރިކަމާއި ކުލުނާއެކު ފިރިމީހާއަށް ހޭހަން ކޮށްދިނުމުގެ މަސައްކަތް އަސްމާކުރީ ފޫހިކަމެއްނެތިއެވެ. ކޮންމެވެސް ދުވަހަކުން އަދި ފިރިމީހާ ރަނގަޅުވެ ކުރީގައި އުޅުނު އުފާވެރި ދިރިއުޅުން ލިބޭނެ ކަމުގެ އުއްމީދުގައެވެ.

މީގެ 3 އަހަރު ކުރިން މަގުމަތީގެ އެކްސިޑެންޓެއްގައި އަސްމާގެ އާއިލާގެ މެމްބަރަކު ނިޔާވުމާއި ފިރިމީހާގެ ކުއްލި ބަލިވުމާއި އަދި ހަމަ އެދުވަސްވަރު އައްޑޫ އަށް ކުރި ވިއްސާރައިގައި އަސްމާމެންގެ ގެއަށް ލިބުނު ގެއްލުން ފަދަ ކިތަންމެ ހިތްތަދި ހާދިސާއެއް ކެތްތެރިކަމާއެކު އަސްމާވަނީ ބަރުދާސްތު ކޮށްފައެވެ.

އަސްމާގެ ފިރިމީހާ ބަލިވީ މަރަދޫފޭދޫގައި ފިރިމީހާގެ އަމިއްލަ ގޯތީގައި ގެ އަޅައި ގެއަށް ބަދަލުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ދަނިކޮށެވެ. އެހާދިސާއިން ފިރިމީހާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ބުނީ މަދު ބައެއް ނަމަވެސް ގިނަ ބައެއްގެ ހެޔޮ ދުއާއާއި ކުރެވުނު އެތަކެއް ފަރުވާތަކާއެކު އެންމެ ދުޅަހެޔޮ ހާލުގައި ނޫންނަމަވެސް އެކަނި ހާލައިގެން އުޅެވޭވަރަށް ފިރިމީހާގެ ހާލު ރަނގަޅުވިއެވެ.

ގާތުން އެ ކަންތައް ތައް ފެނުނު ކޮންމެ މީހަކު އަސްމާގެ ހިތްވަރާއި ކެތްތެރިކަމަށް ތައުރީފް ކުރިއެވެ.

ހިތްވަރާއެކު މަސައްކަތް ކޮށް މިހާރު އެމީހުން ވަނީ އޭރު ހަދަމުން ދިޔަ ގެއަށް އާއިލާ ބަދަލުވެފައެވެ. އަދި ވަޒީފާއަށް ދިއުން ހުއްޓާލައި އާއިލާގެ ހުރިހާ ޒިންމާތަކެއް އަމިއްލަ އަށް އަދާކުރަމުން އަސްމާދިޔައެވެ. 3 ކުދިންނާއި ފިރިމީހާ ދާން ޖެހޭ ކޮންމެ ތަނަކަށް ގެންގޮސް ދިނުމުގައި ޑްރައިވަރެއްގެ ވަޒީފާ އަދާ ކުރަނީ ޚުދް އަސްމާ އަމިއްލަ އަށެވެ. ފިރިމީހާ ބަލިވީ ފަހުން އަސްމާ އޭނަގެ އަތަށް އެއްގޮތަކަށް ވެސް ސައިކަލް ދުއްވާކަށް ނުދެއެވެ. މަގުމަތީގެ އެކްސިޑެންޓެއްގައި އޭނަ އަށް ކަމެއް ވެދާނެތީ ބިރުންނެވެ. އަދި އައްޑޫހައިސްކޫލަށް ވަޒީފާއަށް ދާ ދަރިފުޅު ވެސް އަމިއްލަ އަށް އެތަކެއް ފަހަރު އެދުމުން ވެސް ދަރިފުޅު ދުއްވަން ވެސް އަސްމާ ހުއްދަ ނުދެއެވެ. ބިރުންނެވެ. އަނިޔާއެއް ވެދާނެތީއެވެ.

އަސްމާ އޭނަގެ ކުޑަކުޑަ އާއިލާއާއެކު

ކުރީގައި ކާރުގައި އާއިލާ ގޮވައިގެން އުޅުނު ނަމަވެސް ފަހުން ކާރު ދޫކޮށްލުމަށް ފަހު ސައިކަލްގައި ހުރިހާ ދަތުރުތަކެއް އަސްމާ އަމިއްލަ އަށް ކުރަން ފެށީއެވެ. ދުވާލަކު އެތަކެއް ފަހަރު ލިންކު ރޯޑު ހުރަސްކޮށްފައި އަސްމާ ހިތަދޫ އަށް ދެއެވެ. ކުދިން ސްކޫލަށް ލައި ހޯދުމާއި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދާ ފިރިމީހާ އެތަނަށް ގެންގޮސް ގެނައުމާއި މި ހުރިހާ ކަމެއް އަސްމާ ކުރީ އަމިއްލަ އަށެވެ.

“ދަރިފުޅު ބުނީ މިއަދު އެމީހުންނަށް ހޭލެވުނީ ތަންކޮޅެއް ލަހުން ކަމަށް. އެހެންވެސް އައްޑޫހައިސްކޫލަށް ދޮށީދަރިފުޅު ގެންދަން ނިކުންނަމުން ދެން ތިބި ދެ ކުދިންގާތު މަންމަ އަންނަން ދެން ރެޑީ އަށް ތިބުމަށް ބުނެފަ ދިޔައީ. ލަސްވެފައި ހުރީމަ ބާރަށް ދުއްވާނީ. ގަޑިއަށް ހުރިހާ ކުދިން ސްކޫލަށް ގެންދަން އަސްމާ ބޭނުންވާނެ. ހީވަނީ އެގޮތަށް ބާރަށް ދަނިކޮށް ކަހާލައިގެން ވެއްޓުނީހެން” ހޮސްޕިޓަލްގައި ހުރި އަސްމާގެ އެކުވެރިއަކު ކިޔައިދިނެވެ.

އަސްމާގެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކޮން ސަބަބަކާއި ހެދި ކިހިނެއް ކަމެއް އަދި ނޭނގެއެވެ. އަސްމާ ވެއްޓިފައި އޮތްތަން ފެނުނީ އެވަގުތު ލިންކުރޯޑުގައި ކަސްރަތު ކުރުމަށް ނިކުމެ އުޅުނު މީހަކަށެވެ.

“އަސްމާއަކީ ހަކުރު ދަށް ވުމުގެ މައްސަލަ ދިމާވާ މީހެއް. ފަހަރެއްގައި ވެދާނެ ބާރަށް ދުއްވަމުން ދަނިކޮށް އެކަހަލަ ކަމެއް ވެގެން ވަރުބަލިވެ ސައިކަލުން ވެއްޓުނީ ކަމަށްވެސް. ” އެއްވެސް މީހަކަށް އަސްމާގެ އެކްސިޑެންޓްގެ އަސްލު ސަބަބު ނޭނގުނު ނަމަވެސް ލަފާކުރާ ގޮތަށް އެކި މީހުން އެކި ގޮތްގޮތަށް ކިޔައިދިނެވެ.

“ދެން އަހަރެންގެ ދުވަސް ދިޔައީ. އަހަންނަށް އަޅާލާނެ މީހަކު ދެން ނުހުންނާނެ” ލޯބިވާ އަނބިމީހާގެ ކުއްލި ވަކިވުމާއެކު ހިތްދަތިވެފައި ހުރެ ފިރިމީހާ ގެ ބަހަކީ މިއީއެވެ. އެންމެންގެ ލޯތައް ތެތްމަމުން އަސްމާ މިދުނިޔެއާއި އަލްވަދާއު ކީ އާއިލާގެ ޒިންމާ އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

މަރުހޫމާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުއާކުރަމެވެ!

1 ކޮމެންޓް
އަހުމަދު
އޭޕްރީލް 10, 2021
ލޯބިވާ މަންމަ އަށް ރަހުމަތް ލައްވާށި