ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުސޫލުން އަނެކަކު ކޮށްދޭ ކަމަކަށް ބަދަލުދިނުން ނޫން ކަމަށާއި، ހަގީގީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ އަނެކަކު އެ ގުޅުން ކަނޑައިލި ނަމަވެސް، އެ ގުޅުން ގުޅުވައި ދަމަހައްޓާ މީހާ ކަމަށް ހަނދާންކޮށްދީފިއެވެ. “އާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން” މި މައުލޫއަށް އިއްވި ހުތުބާގައި ވަނީ، މުޖުތަމައެއް ބިނާކުރެވޭނީ އާއިލާތައް ވަރުގަދަކޮށްގެން ކަމަށް ބަޔާންކޮށްފައެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމްދީނުގައި ރަހިމުގެ ގުޅުމަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެގޮތުން އެ ގުޅުމަށް ނަންދެވިފައިވަނީ ވެސް މާތް الله ގެ އިސްމުފުޅު “الرَّحْمَـٰن” އާ ގުޅުވައިގެން ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުގު ތަނަވަސްވެ، އުމުރުގައި ބަރަކާތްލައްވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅުން ސާބިތުވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
މިއަދުގެ މުޖުތަމައުގައި އާއިލާތައް ރޫޅި، އަހުލާގީ ފެންވަރު ދަށަށްދާ މައްސަލައަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، މީގެ އެންމެ ބޮޑު ސަބަބަކީ ކުދިން ބޮޑެތިވަމުން އަންނައިރު ދެވޭ ތައުލީމާއި ތަރުބިއްޔަތު ކަމަށެވެ. ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށްވާއިރު، މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން ބަދަހިކުރަން ކުޑައިރުއްސުރެ ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބަޔާންކުރިއެވެ.
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމުގެ ނުރައްކާތެރިކަމާ މެދު އިންޒާރުދެމުން ހުތުބާގައި ބުނީ، އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ރަހިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ ކަމަށެވެ.
އާއިލީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި މައިންބަފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގެ މުހިންމުކަން ފާހަގަކުރަމުން، ދަރިންގެ ހައްގުތަކަށް ރައްކާތެރިވުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. އެގޮތުން މާއްދީ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން، އިސްލާމީ ރިވެތި އަދަބުތައް ދަސްކޮށްދިނުމަށާއި، ހަތް އަހަރުވުމުން ނަމާދުކުރުވަން އަމުރުކޮށް ދީނީ ވާޖިބުތަކަށް ފަރުވާތެރި ކުރުވުމަކީ ކޮންމެ މައިންބަފައިންގެ ވެސް ޒިންމާއެއް ކަމަށް ހުތުބާގައި ބުންޏެވެ.