English Edition
Dhivehi Edition
ރާއްޖެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭއްވި ވެބިނާ / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ (އެސްއެމްއީ) ވިޔަފާރިތަކަށް ޚާއްސަ ފަންޑެއް ޤާއިމްކުރުމަށް ނިންމައި, އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާން އިއްވަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ އެސްއެމްއީ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ މުހިންމު ސިޔާސަތުތައް ހިއްސާކުރައްވާފައެވެ.

ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށާއި، ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް ޚާއްސަ ސްޓާޓްއަޕް ފަންޑެއް ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ވިޔަފާރިތަކަށް ލުއިކޮށްދިނުމުގެ ގޮތުން ޖީއެސްޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

  • ރާއްޖޭގައި ސަރަހައްދީ ފެންވަރެއްގައި އިޤްތިޞާދީ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި ފުރަތަމަ “އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން” އައްޑޫ ސަހަރުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޒޯންގެ ތެރެއިން ބިމުގެ ކުލި މާފުވުމާއި، ޓެކުހުން ލުއި ލިބުމުގެ އިތުރުން ބިދޭސީ މުވައްޒަފުންގެ ކޯޓާ އަދި އުޅަނދުފަހަރުގެ އަހަރީ ފީން ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ދިރުމެއް ލިބި، އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.