ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް) އިން ހިންގާ ހިތަދޫ ސަރަހައްދީ ބަނދަރުން މުދާ ކްލިއާކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އައު ގަވާއިދެއް އާންމުކޮށްފިއެވެ.
މި އައު ގަވާއިދާއެކު، މީގެ ކުރިން މިކަމާ ގުޅިގެން އަމަލުކުރަމުންދިޔަ އެންމެހައި އުސޫލުތަކާއި ގަވާއިދުތައް ވަނީ ބާތިލުވެފައެވެ. ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލާފައިވާ މި ގަވައިދުގައި މުދާ ކްލިއާކުރާ ފަރާތްތަކަށް މުހިންމު ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ.
ރަޖިސްޓްރީވުން: ކްލިއަރިން އެޖެންޓުންގެ ގޮތުގައި ނުވަތަ އަމިއްލަ ނަމުގައި މުދާ އެތެރެކުރާ ކުންފުނިތަކުން އެޗްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ރަޖިސްޓަރީވެ، ޓެރިފްގައިވާގޮތުގެ މަތިން ރަޖިސްޓްރޭޝަން ފީ އާއި އަހަރީ ފީ ދައްކަންޖެހޭނެއެވެ. އަދި ޑިސެމްބަރު 31 ގެ ކުރިން އަހަރީ ފީ ނުދައްކައިފިނަމަ ޚިދުމަތް މެދުކަނޑައިލެވޭނެއެވެ.
މަނާކަންކަން: މުދާ ކްލިއާކުރުމުގެ މަސައްކަތުގައި އެޗްޕީއެލްގެ މުވައްޒަފުންނާ، އުޅަނދުފަހަރުގެ ފަޅުވެރިން އަދި ޑްރައިވަރުން ބައިވެރިކުރުމަކީ މަނާކަމެކެވެ.
މުވައްޒަފުންގެ އަދަދު: ރަޖިސްޓަރީވާ ފަރާތްތަކުގައި ލޭބަރުންނާ، ސުޕަވައިޒަރުން އަދި ސިގްނަލް މޭން ހިމެނޭ ގޮތަށް މަދުވެގެން 10 މުވައްޒަފުން ތިބެންޖެހޭއިރު، އިތުރުވާ ކޮންމެ 9 ލޭބަރަކަށް ސުޕަވައިޒަރަކު ހުންނަންވާނެއެވެ.
ވަނުމުގެ ހުއްދަ އާއި އުސޫލު: ބަނދަރު ސަރަޙައްދަށް ވަދެވޭނީ ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި “ޕޯޓް ވޯކާސް ޓްރެއިނިންގ ޕްރޮގްރާމެއް” ފުރިހަމަކޮށް، ކުށުގެ ރެކޯޑު ސާފުވެފައިވާ ފަރާތްތަކަށް ދޫކުރާ އެންޓްރީ ފާސް އޮވެގެންނެވެ. އަދި ކޮންމެ 2 އަހަރަކުން އެއްފަހަރު ރިފްރެޝާ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭނެއެވެ.
ހެދުންއެޅުމުގެ މިންގަނޑު: ބަނދަރުގައި މަސައްކަތްކުރާއިރު ކުންފުނީގެ ނަމާއި ލޯގޯ ޖެހި ހައި ވިސިބިލިޓީ ޖެކެޓް، ބޭނުންކުރަންޖެހޭއިރު، އަރިމަތީ ޖީބު ހުންނަ ފަޓްލޫން ޓްރެކްސޫޓް އަދި ސޯޓު ލައިގެން މަސައްކަތްކުރުން ވަނީ މަނާކޮށްފައެވެ.
މި އައު އުސޫލުތައް ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓާއި ސެކިއުރިޓީ އެންޑް ސޭފްޓީ ޑިޕާޓްމަންޓުންނެވެ.