English Edition
Dhivehi Edition
ރައީސް މުއިއްޒު ނޭޝަން ޗެޓް ޕްރޮގްރާމުގައި: ފޮޓޯ ރައީސް އޮފީސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލެ ތިމާވެއްޓާ ރައްޓެހި “އިކޯ ސިޓީ” އެއްގެ ގޮތުގައި ތަރައްގީ ކުރި ނަމަވެސް، އެ ތަނުގައި ރަލާއި އޫރުމަސް ވިއްކުމާއި، ކެސީނޯ ހިންގުން ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ މީޑިއާގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރާ ވޯޓަރފްރަންޓާއި މެރީނާ މަޝްރޫއު ނިމި ހިދުމަތް ދޭން ފެށި ނަމަވެސް، އެ ތަނުގައި ރަލާއި އޫރުމަސް ވިއްކުމުގެ އިތުރުން ޖުވާކުޅޭ ކެސީނޯތައް ނުހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނީ ފެންވަރުގެ އިމާރާތްތަކާއި، ޓޫރިޒަމާއި ވިޔަފާރީގެ މައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ “އިކޯ ސިޓީ” އެއްގެ ގޮތުގައެވެ.

މީގެއިތުރުން، ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގޭ، ފުރިހަމަ ހާމަކަން ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ސިއްރުވެފައިވާ އެއްވެސް ކަމެއް މި މަޝްރޫއުގެ ތެރޭގައި ނޯންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

މި ބިޔަ މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތަކެއް ފަހިވެ، ދިވެހިރައްޔިތުންނަށް އިގްތިސާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.