ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް / ދޫޑިގަން. އާސިމީމަންޒިލް، އަހްމަދު އަފާފު އާރިފް (32އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން. ލާލުގެ، އަހްމަދު ވިޝާން (37އ) ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.