ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމްކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އަދި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ޗައިނާގެ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީއާ އެކު ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި ސޮއިކުރެވުނު އެންމެ ބޮޑު ސޯލާ ޕީވީ އެއްބަސްވުމެވެ.
ޗައިނާގެ ސިނަސޯ އާއި ސްޓެލްކޯއާ ދެމެދު ސޮއިކުރި ޕަވާ ޕަޗޭސް އެގްރީމަންޓުގައި ސޮއިކުރެއްވީ ސިނަސޯގެ ކަންޓްރީ މެނޭޖަރު ޗާއޮ ޝޯމިންގް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އަދި ސިނަސޯ އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެމެދު އެކުލަވާލި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗާއޮ ޝޯމިންގް އަދި މިނިސްޓަރު އަލީ ޝަރީފެވެ.
މި މަޝްރޫއަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ބޭނުންކޮށްގެން، “ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފާ” މޮޑެލްގެ ދަށުން 20 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިއަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހަރަދުން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
ވާދަވެރި ބީލަމުގެ އުސޫލުން ކުރިއަށް ގެންދިޔަ މި މަޝްރޫއު ބަހާލާފައިވަނީ މައިގަނޑު ދެ ލޮޓަކަށެވެ. އެގޮތުން ފުރަތަމަ ލޮޓުގެ ދަށުން ލ. އަތޮޅުގެ ހަ ރަށެއްގައި ދެ މެގަވޮޓުގެ ސޯލާ ނިޒާމް ގާއިމްކުރާއިރު، ދެވަނަ ލޮޓުގެ ދަށުން ސަރަހައްދީ ބޮޑެތި ރަށްތައް ކަމަށްވާ ށ. ފުނަދޫ، ޅ. ނައިފަރު، ލ. ގަން، ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ އަދި ގއ. ވިލިނގިލީގައި 13 މެގަވޮޓުގެ ސޯލާ ހަކަތަ ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.
ވޯލްޑް ބޭންކް، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) ގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި މަޝްރޫއާ އެކު، އެރައިޒް އަދި އެސްޕަޔާ މަޝްރޫއުގެ ދަށުން ގާއިމްކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވެގެންދާނެ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމާޒުކުރައްވާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 ޕަސަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.