ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ކުޑަވާތީ، ދެ މަގާމުގެ މުސާރަ އެއްވަރުކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް 95،125 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި ބަދަލު ގެންނަން ނިންމީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް މިހާރު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ މަހަކު 91،000 ރުފިޔާ ކަމަށެވެ. އެ އަދަދަކީ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ ކުޑަ އަދަދަކަށް ވާތީ، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި އިތުރު 4،125 ރުފިޔާ ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީގެ ކުރިން މުސާރައިގެ ގޮތުގައި ލިބެމުން ދިޔައީ 73،000 ރުފިޔާ އެވެ. ނަމަވެސް އެއީ މަޖިލީހުގެ ނައިބު ރައީސާއި މެންބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ކުޑަ އަދަދަކަށް ވާތީ، މަޖިލީހުގެ ރައީސްގެ މުސާރަ އާއި އިނާޔަތްތައް 95،000 ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ.
މަގާމުތަކުގެ މުސާރައިގެ ފަރަގު ނައްތާލުމުގެ ގޮތުން މާލިއްޔަތު ކޮމިޓީން ވަނީ މިނިސްޓަރުންގެ މުސާރަ 75،000 ރުފިޔާއަށް ބޮޑުކުރަން ވެސް ނިންމައިފަ އެވެ. ކުރިން މިނިސްޓަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 58،500 ރުފިޔާ ލިބެމުން ދިޔަ ނަމަވެސް، ކާރު އެލަވަންސާއި ޑްރައިވަރުންގެ ހަރަދުތަކަށް 17،000 ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މިނިސްޓަރުންގެ މުސާރައަށް އިތުރުކުރި 17،000 ރުފިޔާގެ ތެރޭގައި ހިމެނެނީ ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ އެވެ. މީގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.