ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން، ހަށިގަނޑުގައި ރަން ފޮރުވައިގެން ރާއްޖެއިން އެ ގައުމަށް ދިޔަ ދެ މީހަކު އެ ގައުމުގެ ކަސްޓަމްސް އިން އަތުލައިގަނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޔޫއެސް-ބަންގްލާ އެއާލައިނުގެ ފްލައިޓަކުން ދަތުރުކުރި، ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު ސުލައިމާނާއި ޖޮބައިދު އަހުމަދުއެވެ. އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމީހުން ރަން އެތެރެކުރަން އުޅުނީ ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ހަދައި، ފުރަގަސްފަރާތުގައި ފޮރުވައިގެންނެވެ. ކޮންމެ މީހެއްގެ ހަށިގަނޑުން ތިން ގަނޑު ރަން ނަގާފައިވެއެވެ.
އަތުލައިގަތް ރަނުގެ ޖުމްލަ ބަރުދަނުގައި 2.73 ކިލޯ ހުރިއިރު، މިއީ ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާ (4 ކްރޯޑް ޓާކާ) ގެ އަގެއް ހުރި ރަނެކެވެ.
މި މައްސަލަ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.