English Edition
Dhivehi Edition
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެދާނެތީ، އެކަން ފޮރުވުމުގެ ގޮތުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން އައްޑަނައަކަށް ބޭނުންކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތުކުރައްވައިފިއެވެ.

މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ރުޅިއެރުވުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ކައުންސިލަރުންގެ މުސާރަ އަލުން ކުޑަކުރަން ސަރުކާރުން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ސަރުކާރުން ދޭ މާލީ އެހީ ނުވަތަ ގްރާންޓް އިތުރުނުކޮށް، ހަމައެކަނި މުސާރަ ބޮޑުކުރުމުން ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވަމުން ޣަފޫރު ވިދާޅުވީ، ކައުންސިލްތަކުގެ ބަޖެޓުގެ ބޮޑު ބައެއް މުސާރައަށް ހޭދަވާން ފެށުމުން އުމްރާނީ ތަރައްގީއަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފައިސާ ނުހުންނާނެކަން ސަރުކާރަށް އެނގޭނެ ކަމަށެވެ.

މީގެ އިތުރުން، އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތަށް ބަލާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް މުސާރަތައް ބޮޑުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.