English Edition
Dhivehi Edition
އަނާރާ ނައީމް

ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމެންޓަކަށް ފަހު، ގޭގައި ތިބެގެން ކިޔެވޭ ގޮތަށް ތައުލީމީ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އެވެ. އިއްޔެ ހުށަހެޅި މި ބިލުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި އިސްލާހުގައިވާ ގޮތުން ހޯމް ސްކޫލިންގެ ދަށުން ކިޔަވައިދިނުމުގެ ފުރުސަތު ދެވޭނީ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށެވެ. އަދި މިގޮތަށް ހިންގާ ތަންތަން ރަޖިސްޓްރީކުރުމާއި، ކިޔަވައިދޭނެ މިންގަނޑުތައް ކަނޑައަޅައި، އެ ތަންތަން ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

ބިލުގައި ބަޔާންކުރާ ގޮތުގައި ހޯމް ސްކޫލިންގެ ފުރުސަތު ލިބޭނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވާ ކުދިންނަށެވެ. އެއީ ހާއްސަ ހާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެވެން ނެތުމާއި، ގޭގައި ކިޔަވައިދިނުމުގެ މާލީ ގާބިލުކަން ބެލެނިވެރިންގެ ކިބައިގައި ހުރުމުގެ އިތުރުން، އެ ކުއްޖަކީ މަދުރަސީ ނިޒާމުގެ ތެރެއިން ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރަކަށް ވުމެވެ.

ހޯމް ސްކޫލިންގެ ދަށުން ވެސް ކިޔެވުމުގެ ކުޅެދުންތެރިކަން ނެތް ކުދިންނަށް ތައުލީމު ލާޒިމުނުވާނެ ހާލަތްތައް ކަނޑައެޅުމުގެ ބާރު މި ބިލުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިދެ އެވެ. މީގެ އިތުރުން ސްކޫލްތައް ހިންގުމުގައި ބެލެނިވެރިންނާއި، ޓީޗަރުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ބަޔާންކުރުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.

ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކުގެ ތެރޭގައި، ދަރިވަރުންނަށް ހިލޭ ނާސްތާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުން ހިމެނެ އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ޖެނުއަރީ މަހު ފެށުމަށާއި، ކޮންމެހެން ދިމާވާ ސަބަބަކާ ހުރެ ލަސްވި ނަމަވެސް އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ތެރޭގައި ދިރާސީ އަހަރު ފެށުން ލާޒިމުކުރަން ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.