English Edition
Dhivehi Edition

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާޙުތަކަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ވިޔަފާރިތަކުގެ ލާބައާއި މަންފާއަށްޓަކައި ގެންނަ ބަދަލުތަކެއް ކަމަށާއި، މި ބަދަލުތަކާ ގުޅިގެން ކަންބޮޑުވާން ނުޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، ގާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް ހުށަހެޅިފައިވާ އިސްލާޙަށް ފުރިހަމައަށް ތާޢީދުކުރައްވާ ކަމަށެވެ. އަދި ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައިވެސް ވިޔަފާރިތައް ފުޅާވަމުން އަންނަ ވަރަކަށް ޓެކްސް ނިޒާމު ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ފަސޭހަވާނެހެން ގާނޫނުތައް ބަދަލުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ އިސްލާޙުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އޮންލައިން ޓުއާ އޮޕޭޓަރުންގެ އަތުން ޓެކްސް ނެގުން ފަސްކުރުން ނުވަތަ އެކަމުން ލުއިތަކެއް ދިނުން ފަދަ މުހިންމު ކަންކަން ހިމެނިފައިވާކަމަށް އައިބީ ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމުގެ ޓެކްސް ނިޒާމަށް ގެންނަ މިފަދަ ބަދަލުތަކަކީ މުޅިން އާ ކަމެއް ނޫން ކަމަށާއި، ޓެކްސް ނަގައިގެން ލިބޭ އާމްދަނީން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހާލަތާ އެއްގޮތަށް ކަންކަން އިސްލާޙުކޮށް، ޤައުމުގެ ޓެކްސް ނިޒާމު ޒަމާނީކުރުމަކީ މި ވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވަމުން އައިބީ ވަނީ މި ބިލަށް ފުރިހަމައަށް ތާޢީދުކުރައްވާފައެވެ.