ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ޒިހާން ވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ މައި އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، އެ ތަންތަނުގައި ރޯކޮށްލައިފިނަމަ “މަޖާވާނެ” ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ.
އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ.