English Edition
Dhivehi Edition
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިޕްލޮމެޓިކް މިޝަންތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު، ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، މިހާރުވަނީ އިބްތިދާއީ ބަހުސްގެ މަރުޙަލާ ފުރިހަމަކޮށްފައެވެ.

ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކާއި އެޖެންސީތަކަށް ލިބިދޭ އިމްތިޔާޒުތަކާއި އުސޫލުތައް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުމެވެ. މީގެ އިތުރުން ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި، ގުޅުންތައް ހިންގުމުގައި ބިލު މާނަކުރާނެ ގޮތައްވެސް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

އްބިލާ ގުޅޭގޮތުން ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނުގެ ސަބަބުން ބޭރުގެ ކޮންސިއުލޭޓްތަކަށް ވަކި އިމެއްގެ ތެރެއިން ޙަރަކާތްތެރިވެވޭނެ މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަމަށް ބުރުނާރާނެހެން ކަންކަން ބެލެހެއްޓުމުގެ ޤާނޫނީ ބާރު ދައުލަތަށް ލިބިގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

މިއާއެކު، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ މިޝަންތަކުގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވޮ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.