ޕާކިސްތާނުގެ ރައީސް މުހައްމަދު ޝެހްބާޒުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު މަތީ ފަންތީގެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ބާއްވާ އެންމެ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި އެއްބާރުލުން އިތުރުކުރުމަށް މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކުރައްވާ ހާއްސަ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.