ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ހާއްސަ އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. މި މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ވަޒީރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ދެ ގައުމުގެ ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް އާ ފުރުސަތުތައް ފަހިކުރުމުގެ މަގުސަދުގައި ‘ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް’ އެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު އެ ގައުމުގެ ރައީސާ ބައްދަލުކުރައްވާނެ ކަމަށާއި، ރައީސްގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާ އެކު ވަކިންނާއި ވަފުދުތަކުގެ ފެންވަރުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ސިއްހަތާއި، ތައުލީމާއި، ޓޫރިޒަމާއި، ދަނޑުވެރިކަމާއި، ދިފާއީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 12 އެއްބަސްވުމަކާއި ފަހުމުނާމާގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.