ޑޮލަރުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ބޭންކު އެކައުންޓުތަކުގައި ހުންނަ ދިވެހި ރުފިޔާ ޑޮލަރަށް މާރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށާއި، ބޭންކު އެކައުންޓުތަކުގައި ހުންނަ ރުފިޔާއިން ޑޮލަރު ނުގަނެވޭ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. ޑޮލަރު ހޯދުމަށް ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ޔޫއެސް ޑޮލަރުގެ އަގު, ހަފްތާއަކު މައްޗަށް ދާ ކަމަށެވެ. އަދި އެކައުންޓުގައި ރުފިޔާ ހުރެމެ އެ ފައިސާ ޑޮލަރަށް މާރުކުރެވެން ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަރިން މަދަރުސާއަށް ފޮނުވައިގެން ބޭރުގައި ދިރިއުޅޭ އާއިލާތަކަށާއި، ގިނަ ވިޔަފާރިވެރިންނަށް މިއަދު އިންތިހާއަށް ދިރިއުޅުން ދަތިވެފައިވާ ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ ގައުމު ޑިފޯލްޓްވުމުން ސަލާމަތްވެފައިވަނީ އިންޑިއާގެ ކަރަންސީ ސްވަޕް ގެ މުއްދަތު އިތުރުކޮށްދިނުމުން ކަމަށެވެ.