English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ ، މިހާރު

އާއިލާ އާއި އަވަށްޓެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ބޮޑެތި އުނދަގޫތަކާއި ފުރައްސާރަކުރަމުންދިޔަ އަހްމަދު ފައިރިޝްގެ މައްސަލައިގައި، ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމާ ގުޅިގެން މުހައްމަދު ސައީދު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ސައީދު، ފުލުހުންގެ އިދާރާ ކައިރީގައި ފެއްޓެވި މި ހަޅުތާލު ނިންމާލެއްވީ 35 ގަޑިއިރު ފަހުންނެވެ. މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދީފައިވާ ކަމަށް އޭނާ ފޭސްބުކް މެދުވެރިކޮށް ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދަށް ސައީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވެވަޑައިގެންނެވި ވައުދުތަކަށް އަމަލީ ސިފަ އަންނަ ކަން ކަށަވަރުކުރުމަށް ފާރަވެރިކަމާ އެކު އެކަންކަން ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަޅުތާލުގައި ސާބިތުކަމާއެކު ކައިރީގައި ތިބި އާއިލާ އާއި އެންމެހާ ފަރާތްތަކަށް، އަދި މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އެހީތެރިވެދިން މީޑިއާތަކާއި ސޯޝަލް މީޑީއާ ޓީމުތަކަށާއި ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއިލް ނިޒާރަށް ވެސް ސައީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފައިރިޝްގެ ފަރާތުން މަގުމަތިން ދަތުރުކުރާ މީހުންނަށާއި އަވަށްޓެރިންނަށް ބޮޑެތި އުނދަގޫތަކާއި ފުރައްސާރަކުރަމުން ގޮސްފައިވާއިރު، އެ މައްސަލަތައް ކުރިން ޕޮލިހަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެ ހުރިހާ މައްސަލައެއް އޮތީ ފައިލްކޮށްފަ އެވެ. ނަމަވެސް، ސައީދު ހަޅުތާލު ފެށުމާ ގުޅިގެން ފުލުހުން ވަނީ ފައިރިޝް ހައްޔަރުކޮށްފަ އެވެ.