އައްޑޫ މީދޫގައި ކުލަގަދަގޮތަކަށް ފާހަގަކުރި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ކާބޯތަކެތީގެ މައުރަޒުން ވަނަތައް ހޯދި ފަރާތްތަކާއި ދަނޑުވެރިކަމުގެ ސިނާއަތަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އިނާމާއި ހަނދާނީ ފިލާ ދީފިއެވެ.
މީދޫގައި ބޭއްވުނު މި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ވަޒީރު އަހްމަދު ޝިޔާމް އެވެ. މި ރަސްމިއްޔާތުގައި މައުރަޒުން އެކި ބައިބައިން ވަނަ ހޯދި ފަރާތްތަކަށާއި ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދިގު މުއްދަތަކަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ފިލާ އަދި ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.
މި މައުރަޒުގައި ރަށުގެ ދަނޑުވެރިންނާއި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ވަނީ ބައިވެރިވެ، އެމީހުންގެ އުފެއްދުންތެރިކަން ދައްކާލާފައެވެ.
- މުޅި މައުރަޒުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
- މުޅި މައުރަޒުން ދެވަނަ އިދާރާ: އައްޑޫ ހުޅުދޫ
- ތަރުކާރީގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
- ކާބޯތަކެތީގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
- މޭވާގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
- ފަލަމަޑީގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ ހުޅުދޫ
ވަކިވަކި ފަރުދުންނާއި ޓީމުތަކުން ހޯދި ކާމިޔާބީތަށް
- ކާބޯތަކެތީގެ ބާވަތްތައް އެންމެ ގިނައިން ބައިވެރިކުރި އަދި އެންމެ ރަނގަޅު އާ އުފެއްދުން ހުށަހެޅި ފަރާތް: މަރިޔަމް ޝަމާ (މީދޫ)
- ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތައް އެންމެ ގިނައިން ބައިވެރިކުރި ފަރާތް: ބަދަހި ޓީމް، ޒާހިރާ (މީދޫ)
- ގޮވާމުގެ އެންމެ ބޮޑު އުފެއްދުން ބައިވެރިކުރި ފަރާތް: މެރިންބީޗް – ނިސްރީނު (ހުޅުދޫ)
މި ރަސްމިއްޔާތުގައި މީދޫގައި ދަނޑުވެރިކަން ދިރުވައި އާލާކުރުމަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކާއި އީޖާދީ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:
- މުހައްމަދު ވަހީދު (އަބްލަޣީވާދީ، މީދޫ): މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ދަނޑުވެރިކަމުގެ ހިދުމަތްކޮށްދެއްވުމުން.
- ޙަސަން މާހިރު (ފީރޯޒްވިލާ، މީދޫ): ‘އޯޕަން ފީލްޑް’ ދަނޑުވެރިކަން ކުރުމުގައި ހިތްވަރާއެކު ދެމިހުންނެވުމުން.
- އާމިނަތު ނަޝީދާ (އޮމާން، މީދޫ): ދަނޑުވެރިކަމުގައި ނަމޫނާ ދައްކަމުންދާ އަންހެން ދަނޑުވެރިއަކަށް ވީތީ.
- އައްޑޫ މީދޫ ފްރެޝްޔީލްޑް ފާމް: މީދޫގައި ޒަމާނީ އީޖާދީ ދަނޑުވެރިކަމަށް އިންވެސްޓްކޮށް، އާ ބާވަތްތައް އުފައްދަމުންދާތީ.
- ގައުދަނޑު ފާމް: މީދޫގައި ޒަމާނީ އީޖާދީ ދަނޑުވެރިކަމަށް އިންވެސްޓްކޮށް، އާ ބާވަތްތައް އުފައްދަމުންދާތީ.
- މަރިޔަމް ޒުހައިރު (ލީލީފެހި، މީދޫ): ދަނޑުވެރިކަމުގެ ރޮނގުން ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ފާހަގަކޮށްލެވޭ އަންހެން ދަނޑުވެރިއަކަށް ވީތީ.