English Edition
Dhivehi Edition
ހައުސިން މިނިސްޓަރު މުއްތަލިބު

“މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް” ގެ ނަމުގައި ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލްހިލްސްއާ އެކު ކުރިއަށް ގެންދަން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ މަތިން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާލިއްޔަތު ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޕީއެސްއައިޕީ އުސޫލުގެ ދަށުންނެވެ.

އާންމު ބީލަމަކަށް (އޯޕަން ބިޑިން) ނުގޮސް މި މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގައި އާންމުކޮށް އެކި މަޝްރޫއުތައް ހިންގުމުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅޭގޮތުން މެންބަރު ކުރެއްވި އިތުރު ސުވާލުތަކަށް ވެސް މިނިސްޓަރު ވަނީ ޖަވާބުދެއްވާފައެވެ. އަދި މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކާ ބެހޭ ތަފްސީލުތައް މިހާރު އާންމުކޮށްފައިވާ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.