English Edition
Dhivehi Edition
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީހުން މަޅީގައި ޖެއްސުން އިތުރުވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރެއްވީ މި މަހު ފާހަގަކުރާ ސައިބާ ސެކިއުރިޓީ އެވެއާނަސްއާ ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ.

ސީޕީ ވިދާޅުވީ އޭއައި ބޭނުންކޮށްގެން ސައްހަނޫން މެސެޖުތަކާއި، އަޑާއި ވީޑިއޯ އުފައްދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރަމުންދާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 ޕަސަންޓު މީހުން އިންޓަނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، މި ކުށްތަކުގެ ތެރެއިން 68 ޕަސަންޓަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޓެކްނޮލޮޖީގެ ސަބަބުން ލުއިފަސޭހަކަން ލިބުނު ނަމަވެސް، އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ ނުރައްކާތައް ފެތުރިގެންދާ ދުވެލި އެތައް ގުނައަކަށް ހަލުވިވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިފަދަ ކުށްތަކުގައި މީހުން ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން މީހުންނާ ހިއްސާކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީވެސް މީގެ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

ސައިބާ ކުށްތައް ހުއްޓުވައި ތަހުގީގުތައް ހަރުދަނާ ކުރުމަށްޓަކައި، ފުލުހުން ދަނީ ޒަމާނީ ވަސީލަތްތައް ހޯދައި ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ. އަދި ހަމައެއާއެކު، ޑިޖިޓަލް ރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުންދާ ކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއެވެ.