ސައިކަލެއް ވަގަށް ނަގައިގެން، ތިން މީހުން އަރައިގެން ވަންވޭއާ އިދިކޮޅަށް ދުއްވަނިކޮށް ހުޅުމާލޭގައި ހިނގި ބޮޑު އެކްސިޑެންޓެއްގެ މައްސަލާގައި ހިމެނޭ އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ނިރޮޅުމަގުގައި ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި، ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27އ) ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ހައްޔަރުކުރީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެންނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ ހަފުތާއަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސައިފްއަކީ ލައިސަންސް ނެތި ދުއްވުމުގެ 13 ރެކޯޑް އޮތް މީހެކެވެ. އަދި އަހަރީ ފީ، ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެއްގެ އިތުރުން މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ ރެކޯޑް އޮތް މީހެކެވެ.
މީގެ އިތުރުން، މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިނީ ކްރިމިނަލް ކޯޓުން ބަންދުކުރުމަށް އަމުރު ނެރެފައި އޮތް މީހެއްކަން ވެސް ވަނީ އެނގިފަ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސައިފްއާ އެކު އިތުރު ދެ މީހުން އަރައިގެން ވަންވޭއަކުން އިދިކޮޅަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، އެ ވަގުތު މަގުގެ ގަވައިދާ އެއްގޮތަށް ދުއްވާފައިދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްވި އަނެއް ސައިކަލްގައި ތިބި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުންގެ ތެރެއިން އެކެއްގެ ސިކުނޑިއަށް ލޭއެޅިފައިވާއިރު، އަނެއް މީހާގެ މޫނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.