ރާއްޖޭގައި ކާރިސާތަކުގެ ނުރައްކާ މެނޭޖްކުރުން ހަރުދަނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ހެދުނު ފުރަތަމަ ފުރިހަމަ ދިރާސާ ކަމަށްވާ ‘ނެޝަނަލް ރިސްކް ރެޖިސްޓަރ އެންޑް އެސެސްމަންޓް 2026’ އެކުލަވާލައިފި އެވެ. މިކަން ހާމަކުރީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
މި ދިރާސާގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ކުރިމަތިވެދާނެ އެކި ނުރައްކާތަކާއި، ނާޒުކު ހާލަތްތަކުގެ އިތުރުން ކާރިސާތަކުގެ ބިރުވެރިކަމާ މެދު ހުރިހާ މުއައްސަސާތަކަކުން އެއް މިސްރާބަކަށް މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ. އަދި މިއީ ގައުމީ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާތަކުގެ ޕްލޭނިން ހެދުމަށާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގައި ބޭނުންވާ މުހިންމު ހެކިތައް ފޯރުކޮށްދޭނެ ވަސީލަތެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި ތަރައްގީގެ ބައިވެރިން ހިންގާ މަޝްރޫއުތަކުގައި ކާރިސާތަކުގެ ނުރައްކަލަށް ރިއާއަތްކުރުމުގެ ފުރުސަތު މި ދިރާސާގެ ސަބަބުން ލިބިގެންދާނެ އެވެ. އަދި ބޮޑެތި ކާރިސާތަކުގެ ވަގުތުގައި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެންޑީއެމްއޭ އިން ވަނީ ‘ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭން’ އެކުލަވާލައި، މުއައްސަސާތަކުގެ ޒިންމާތައް ކުރިއަށް ވުރެ ސާފުކޮށް ކަނޑައަޅާފަ އެވެ.
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެންޑީއެމްއޭ އިން ބުންޏެވެ. “ކާރިސާގެ ނުރައްކާ ކުޑަކުރުމަކީ ހަމައެކަނި ކާރިސާއެއް ދިމާވުމުން އިޖާބަދިނުމެއް ނޫނެވެ. އެއީ ނުރައްކާތައް ދެނެގަތުމާއި، ގެދޮރު ރައްކާތެރިކުރުމާއި، ކާރިސާގެ ކުރިން ހޭލުންތެރިވެ ތައްޔާރުވުމެވެ.”
މި ދިރާސާގެ އިތުރުން ކާރިސާތަކުން ލިބޭ ގެއްލުންތައް ދެނެގަތުމަށް ޑިޖިޓަލް ނިޒާމެއް ކަމަށްވާ ‘ޑާލާ’ ބޭނުންކުރަން ފަށާފައިވާއިރު، ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމަށް ޖަޕާން ސަރުކާރުގެ އެހީގައި ފެން ހިންދާ ޕަމްޕާއި އަލިފާން ނިއްވާ އާލާތްތައް ވެސް ވަނީ ފޯރުކޮށްދީފަ އެވެ. އަދި ޔުނެސްކޯގެ މިންގަނޑުތަކާ އެއްގޮތަށް ކުޅުދުއްފުށި ސިޓީއަށް ‘ސުނާމީ ރެޑީ’ ދަރަޖަ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.