English Edition
Dhivehi Edition
ހައުސިން މިނިސްޓަރު މުއްތަލިބު

ރަސްމާލެ މަޝްރޫއުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ލިންކްޑްއިންގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމެއްގަ އެވެ.

މި މަޝްރޫއުގެ ތެރެއިން ދިވެހިންނަށް ދޭ ފުރުސަތުތަކާ ގުޅޭގޮތުން ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ, “ބޭރުގެ ފަރާތްތަކަށް ވިއްކޭނެ މިންވަރު ކަނޑައަޅައި ލިމިޓުތަކެއް އެކުލަވާލި ނަމަވެސް، އެފަދަ ލިމިޓުތަކެއް ދިވެހި ރައްޔިތުންނަކަށް ނުހިނގާނެ,” ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބިން އަދި ޕްރޮޕަޓީތައް އެއްކޮށް މިލްކުކުރެވޭ އުސޫލެއް ނެތް ކަމަށެވެ. އެގޮތުން ހަރުދަނާ ގާނޫނީ އުސޫލުތަކާއި ޝަރުތުތަކުގެ ދަށުން ހުއްދަ ލިބޭ ފަރާތްތަކަށް ބިން ދޫކުރާނީ ލީސްގެ ގޮތުގައި ކަމަށް ވެސް އޭނާ ބަޔާންކުރެއްވި އެވެ.

މީގެ އިތުރުން ފަލަސްތީނުގެ މައްސަލައާ ގުޅިގެން ރާއްޖެ ގެންގުޅޭ ހާރިޖީ ސިޔާސަތަށް ބަދަލެއް ނުގެނެސް މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ. އެގޮތުން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި ހިއްސާދާރުންގެ ތެރޭގައި އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތެއް ނުހިމެނޭކަން ކަށަވަރުކުރަން ވަކި މިންގަނޑުތަކެއް ގާއިމުކުރާނެ އެވެ. އަދި ރައްޔިތުކަމުގެ މައުލޫމާތު ފޮރުވައިފި ނަމަ އެއްބަސްވުން ބާތިލުކޮށް ޕްރޮޕަޓީ ދައުލަތަށް ނަގާނެ އެވެ.