ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވި ހުރަސްތައް ނިމުމަކަށް އައިސް، ދެން އެފަދަ ދައްޗެއް ދިމާނުވާނެ ކަމަށް ބޭންކުން މައުލޫމާތު ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރައީސް އޮފީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން އީ-ކޮމާސްގެ ދާއިރާއިން އޮންލައިން ވިޔަފާރި ކުރުމަށް ދިމާވި ހުރަސްތައް ބީއެމްއެލް އިން ވަރަށް ރަނގަޅަށް މެނޭޖުކޮށްފައިވާ ކަމަށެވެ. އަދި ބޭންކުން މިހާރު ދީފައިވާ މައުލޫމާތަށް ބަލާއިރު، ކުރިން ދިމާވި މައްސަލަތައް ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ ދެން ދިމާނުވާނެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ޓީޓީ ހެދުމަށާއި ބޭރު ފައިސާ ދޫކުރުމުގެ ހާލަތު ބަދަލުވެ، ކުރީގެ ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ. ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުދައްކާހާ ބޮޑު ދަރަންޏެއް ކަމަށްވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމުން ކަމަށް ވެސް އޭނާ ބަޔާންކުރެއްވި އެވެ.
ބޭންކުގެ ހާލަތާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. “މިހާރު އެބޭފުޅުން ޓީޓީ ހަދައިދިނުމުގައި ވެސް އަދި ބޭރު ފައިސާ ދޫކުރުމުގައި ވެސް ހާލަތު ބަދަލުވެ، ކުރީގެ ހާލަތަށް އިރާދަކުރެއްވިއްޔާ ރުޖޫއަވާން މަސައްކަތް ކުރަމުން އެ ގެންދަނީ ވަރަށް ބާރަށް. އެ ހާލަތު ބަދަލުވަމުން އެ އަންނަނީ.”
ޑޮލަރުގެ ދަތިކަމާ ގުޅިގެން ޓީޓީ ހެދުމާއި ޑޮލަރު ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބީއެމްއެލް އިން ކުރިން ވަނީ ބުނެފަ އެވެ. އަދި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ މުއާމަލާތްތައް ހަނިކޮށް، މުޅި ރާއްޖެއަށް ދުވާލަކު ކުރެވޭނީ 16 މިލިއަން ޑޮލަރުގެ ވިޔަފާރި ކަމަށް ވެސް ބޭންކުން ވަނީ ކަނޑައަޅާފަ އެވެ.