ރ. ފުއްގިރި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގާފައިވަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށް ދައުލަތުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައެވެ. މި މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ކޯޓުގައި ވިދާޅުވީ، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ހޯދި ފައިސާ ކަމަށެވެ. އަދި ފުއްގިރީގެ މުއާމަލާތް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީގެ މުޅި ކޮރަޕްޝަނަކީ ވެސް އެމަނިކުފާނުގެ އިރުޝާދުން ހިންގެވި ކަމެއް ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަން އިސްތިހާރުކުރަން އުފެއްދި އެމްއެމްޕީއާރުސީގެ ދަށަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސެވީ ވެސް ރައީސް ޔާމީން ކަމަށާއި، މި މައްސަލައިގައި ހިމެނޭ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އަދި ފަހުން ނައިބު ރައީސަކަށް އައްޔަންކުރެއްވީ ވެސް އެމަނިކުފާނުކަން ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައިގައި ދެން ދައުވާލިބުނު ބައެއް ފަރާތްތަކުގެ ދައުވާތައް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެގޮތުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލުނު ދައުވާތަކާއި، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލުނު ދައުވާތައް ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުލާސާ ބަޔާން އިއްވުން އޮންނާނީ މާދަމާއެވެ. ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.