އިޓަލީގެ ހޯލްޑިން ކަރިސްމާ އިން ގދ. ކޮޑެގަލާގައި ތަރައްގީކުރި ޕްރައިވެޓް ރިސޯޓު ކަމަށްވާ “ނިލާ ކޯރަލް އައިލެންޑް” އަންނަ މަހު ހުޅުވަން ނިންމައިފިއެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓެވެ. އާންމު ރިސޯޓުތަކާ ހިލާފަށް މި ތަން ފަރުމާކޮށްފައިވަނީ ވަރަށް އަމިއްލަވަންތަ އަދި ޕްރައިވެޓް ތަޖުރިބާއެއް މެހެމާނުންނަށް ފޯރުކޮށްދިނުމަށެވެ.
މި ރިސޯޓުގައި ހުންނަނީ އެންމެ ހަތް ވިލާއެވެ. މިއީ ހޮޓަލެއްގެ ކޮޓަރިތަކަށް ވުރެ ބޮޑަށް އަމިއްލަ ގެއެއްގެ އިހުސާސް ކުރެވޭނެހެން ފަރުމާކޮށްފައިވާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ވިލާތަކުގެ އިތުރުން، ފަސް ކޮޓަރީގެ ރެޒިޑެންސެކެވެ. މުޅި ރިސޯޓުގައި އެއްފަހަރާ ތިބެވޭނީ ގާތްގަނޑަކަށް 40 މެހެމާނުންނަށެވެ. އަދި ގޮނޑުދޮށާއި ގަސްގަހާގެހި އަދި ފަރުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ވިލާތަކެއްވެސް ހަދާފައިވަނީ އެއްގަމުގައެވެ.
އިޓަލީގެ އާކިޓެކްޗާ ސްޓޫޑިއޯއެއް ކަމަށްވާ ‘ހަސް’ އިން ފަރުމާކޮށްފައިވާ މި ރިސޯޓުން އިޓަލީގެ ފަންނުވެރިކަމާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ގުޅުވައިދެއެވެ. މި ރިސޯޓުން ޑައިވިންގ، ކައިޓް ސާފިންގ، ވޯޓާ ސްކީ އަދި ވޭކްބޯޑިންގ ފަދަ މޫދު ކުޅިވަރުތަކާއި ޕްރައިވެޓް ދަތުރުތައް ލިބެން ހުންނާނެއެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ހިމަނައިގެން ތައްޔާރުކުރާ އިޓަލީ އަދި އޭޝިއާގެ ކެއުންތަކުގެ އިތުރުން، ޓްރެޑިޝަނަލް އަދި އާޔުރްވެދިކް ފަރުވާތައް ދޭ ބުޓީކް ސްޕާއެއް ވެސް ހުންނާނެއެވެ.
މި ރިސޯޓުގެ އޯނަރުންގެ އާއިލާއަށް ނިސްބަތްވާ މިލާ ޒެގްނާ ކަގްނޯލީ ބުނީ، އެ މީހުންގެ އަމާޒަކީ ހޮޓަލެއްގެ ބަދަލުގައި މެހެމާނުންނަށް އަމިއްލަ ގެއެއް ފަދަ ހޫނުކަމާއި އަމިއްލަވަންތަކަން އިހުސާސްކޮށްދިނުން ކަމަށެވެ.
ރިސޯޓުން ބުނި ގޮތުގައި، އާއިލާތަކަށާއި ކައިވެނީގެ ހަފްލާތަކަށް ނުވަތަ ހާއްސަ މުނާސަބަތުތަކަށް ޕްރައިވެޓްކޮށް ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް މުޅި ރަށް އެކީގައި ވެސް ބުކް ކުރެވޭނެއެވެ. އަދި މެހެމާނުންނަށް ގޮނޑުދޮށުން ސީދާ ފަރަށް އެރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.