ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި، ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. އެއީ އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވިކަމުގެ ތުހުމަތުގައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިތައް ބަލައިގަތުމަށް ވަނީ ނިންމާފައެވެ. އަދި ދައުލަތުން ހުށަހެޅި އަދީބާއި ޒިޔަތަކީ މައްސަލައިގެ ވާގިއާތަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭން ތިބި ދެ ފަރާތް ކަމަށްވާތީ، އެ ދެ މީހުން ވެސް ހެކީންގެ ގޮތުގައި ބަލައިގަތުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދައުލަތުން ހުށަހެޅި އިތުރު ހެކިންގެ ތެރެއިން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ވެސް ވަނީ ނިންމާފައެވެ.
ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ބޭފުޅުންގެ ތެރޭގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)، ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި އަބްދުﷲ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
މި އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ދިފާއުގައި ފާހަގަކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސައްހަ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ. އަދި އެ ފައިސާއަށްވާ ދިވެހި ރުފިޔާ ނަގުދު ފައިސާއިން ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ގުނުމަށްފަހު ގެންދިޔައީ ނަރީޝް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.