ރަސްމާލެ ތަރައްގީ ކުރުމަށް ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ “އީގަލް ހިލްސް” އާ ހަވާލުކޮށްގެން ހިންގަން އުޅޭ ބިޔަ މަޝްރޫއާ ގުޅޭގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ދެމެދު ސޯޝަލް މީޑީއާގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ތާއީދު ގެއްލި އަހްލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ފައިދާ ނަގަން އީގަލް ހިލްސް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމް، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމެއްގައި އެފަދަ މަޝްރޫއެއް ހިންގަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއު ހުއްޓާލުމަށް އެ ކުންފުންޏަށް ވަނީ ގޮވާލައްވާފައެވެ.
ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އޭރު އެމްޑީޕީން ކުރި މަސައްކަތާއި، މިއަދު ރަސްމާލޭގެ މަޝްރޫއަށް ހުރަސްއަޅަން ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
މީގެއިތުރުން، ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް، ދެއްކޭ ނުދެއްކޭ ވާހަކައެއް ރައީސް ޔާމީނަށް ވިސްނިވަޑައިނުގަންނަވާ ހިސާބަށް ގޮސްފައިވާ ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫއު ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށާއި، އެ މަޝްރޫއު ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ދެއްވާފައިވެއެވެ.