ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން ސައިކަލަށް އަރުވައިގެން ދުއްވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު މަކަރާއި ހީލަތުގެ މައްސަލައެއްގައި 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާ މީހެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި އެ މީހަކީ ހ. ލާމިޔާ، އަހްމަދު އުވައިސް އެވެ. މުއްދަތު ހަމަވުމުގެ ކުރިން އޭނާ މިނިވަންވީ އެ މައްސަލައިގެ ތަހުގީގަށްފަހު ފުރިހަމަކުރަންޖެހޭ މަރުހަލާތަކަށްފަހު ކަމަށްވެސް އެނގިފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗަށް ޖުމްލަ 5 މީހަކު ގެންދިޔަ އެވެ. އޭގެތރެއިން ދެ މީހަކަށް އަދިވެސް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އިތުރު ދެ މީހަކަށް ވޯޑުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ތިން މީހުން އަރުވައިގެން ދުއްވި އެ ސައިކަލު ދުއްވާފައިވަނީ ވަން-ވޭއާ އިދިކޮޅަށެވެ. އަދި ސައިކަލު ދުއްވަންއިން މީހާއަކީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ހިމެނޭއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.