English Edition
Dhivehi Edition
ތ. ތިމަރަފުށި - ފޮޓޯ: ފޭސްބުކް (ތިމަރަފުށި އޮންލައިން)

ތ. ތިމަރަފުށީގައި އަންހެނެއްގެ ބޭންކް އެކައުންޓުން، އޭނާއަށް ނޭނގި ވަގަށް ފައިސާ ނެގި މައްސަލައެއްގައި އެ ރަށު ފިރިހެނަކު ހަތް މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ އޭނާގެ އަންހެނުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން އެކި ފަހަރުމަތިން ޖުމްލަ 8,150 ރުފިޔާ ވަގަށް ނަގާފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމާއި އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި، އެ ފައިސާ ނަގާފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.އަދަބާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ އެދިފައިވަނީ، އޭނާއަކީ ބަލި މަންމައަކާއި ކުޑަކުއްޖެއް ބލަހައްޓަމުންދާ މީހަކަށްވެފައި، ޖަލަށް ދާންޖެހިއްޖެނަމަ އާއިލާއަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެތީ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށެވެ.ނަމަވެސް، ކޯޓުން ނިންމާފައިވަނީ އޭނާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ މީހަކަށް ނުވާތީއާއި، ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ޖޫރިމަނާއަށް އަދަބު ބަދަލުކުރުމުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ކުށަށް އިއުތިރާފުވުމާ ގުޅިގެން އަދަބުގެ މިންވަރުން ވަނީ އެއް ދަރަޖަ ދަށްކޮށްފައެވެ. އެ މީހާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކުރެއްވި ހުކުމުގައިވަނީ އޭނާ ހަތް މަހާއި ތިން ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.