ނޭޕާލުގެ މެދުތެރޭ ސަރަޙައްދުގެ ކޯރެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ، ގެދޮރާއި އުމްރާނީ ތަރައްޤީގެ ވަސީލަތްތަކަށް ގެއްލުންތަކެއް ލިބިފައިވާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިރުޝާދު ދީފިއެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ހުޅަނގުން އޮންނަ ގޯރްޚާ ސަރަހައްދުގެ ޗުމްނުބްރީ އަވަށުގައި ހިނގި މި ޙާދިސާއާ ގުޅިގެން، ބުޑީ ގަންޑަކީ ކޯރު ބަންޑުންވެ ތިރި ސަރަޙައްދުތަކަށް ވަނީ ފެންބޮޑުވެފައެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވި ނަމަވެސް، ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ.
މި ހާދިސާއާ ގުޅިގެން ގޯރްޚާގެ އެކި ހިސާބުތަކުގައި ހުރި ގެތަކަށާއި، ދެ ސަސްޕެންޝަން ފާލަމަކަށާއި، އަދި ހައިޑްރޯއިލެކްޓްރިކް މަޝްރޫޢެއްގެ ކޭމްޕަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މީގެ އިތުރުން، ގޯރްޚާއާއި އަވަށްޓެރި ދަޑިންގްއާ ގުޅުވައިދޭ ހައިވޭ ފާލަންވެސް ވަނީ ފެންގަނޑާއެކު ކަހައިގެން ގޮސްފައެވެ.
ޤައުމީ ކާރިސާތަކުން އަރައިގަތުމާބެހޭ އިދާރާއިން ވަނީ ޖަގަތު ސަރަޙައްދުން ނުރައްކަލަށް ހުށަހެޅުނު 6 މީހަކާއި، ގެއްލުން ލިބުނު ހައިޑްރޯއެލެކްޓްރިކް މަޝްރޫއުގެ މައި ޖަގަހާގައި މަސައްކަތް ކުރަމުންދިޔަ 18 މަސައްކަތްތެރިން ރައްކާތެރި ސަރަޙައްދަކަށް ބަދަލުކޮށްފައެވެ. އަދި ކޯރުގެ އައްސޭރީގައި އޮތް ގޯރްޚާ، ތަނަހޫން، ޗިތުވާން، އިރުމަތީ ނަވަލްޕަރާސީ އަދި ހުޅަނގު ނަވަލްޕަރާސީ އަވަށްތަކުގެ ރައްޔިތުންނަށް ކުއްލި ނުރައްކަލުގެ އިންޒާރުދީފައިވެއެވެ.
ނޭޕާލުގެ ބޮޑުވަޒީރު ބަލެންދްރާ ޝާހު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ނުރައްކަލަށް ހުށަހެޅިފައިވާ މީހުން އަވަހަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށާއި، ސަލާމަތی މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ. ސިފައިންނާއި ފުލުހުންގެ ސަލާމަތީ ޓީމުތައް މިހާރުވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލުން ހާމަކުރައްވައެވެ.