ދިވެހި ފުލުހުންގެ ހިދުމަތުން މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމުގެ ގޮތުން ޒަމާނީ ހާއްސަ ސޮފްޓްވެއާއެއް ކަމަށްވާ “ސްމާޓް ޑްރޯ“ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއާ ތައާރަފުކޮށްފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި ބަދަލާއެކު އެކްސިޑެންޓްތަކުގެ ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އެތައް ގުނައަކަށް މަތިވެގެންދާނެއެވެ.
ސްމާޓް ޑްރޯ އިން އެކްސިޑެންޓް ހިނގާ ސަރަޙައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު އަދި ސީދާ މިނަށް ކުރެހުމަށް މި ސޮފްޓްވެއާ ހާއްސަކޮށްފައިވެއެވެ. އަދި އިންޓަސެކްޝަންތަކާއި، ޓީ-ޖަންކްޝަންތަކުގެ އިތުރުން ސީދާ މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި މި ސޮފްޓްވެއާގައި ފަރުމާކޮށް ހިމަނާފައިވެއެވެ.
މީގެ އިތުރުން އެކި ވައްތަރުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތަކާއި، މަގުބައްތި އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެހެނިހެން ބައިތައް ދައްކުވައިދޭ ސިމްބަލްތައް ހިމެނެއެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގެ އަސްލު މަންޒަރު އެންމެ ފުރިހަމައަށް ދެއްކުމަށްޓަކައި، ގޫގުލް މެޕްސް އާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާގެ ތެރެއަށް އަޅައިގެން ސީދާ އެ ސަރަޙައްދުގެ މައްޗަށް ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުޙަލާތައް ޒަމާނީ ކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު މަތިކޮށް، ހެކި ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އާ ވަސީލަތްތައް ތައާރަފުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.