English Edition
Dhivehi Edition
ފޮޓޯ: ސައުދުﷲ

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސަޢުދުﷲ އަޙްމަދު ޙަސަންގެ ހަނދާނުގައި އެ ސިޓީގައި ކްލިނިކެއް ހުޅުވައިފިއެވެ.

މި ކްލިނިކު ހުޅުވާފައިވަނީ ފުވައްމުލަކުގެ ފުނާޑު އަވަށުގައި، ސަދާގެ ބައްޕަ ސަޢުދުﷲ އާއި އާއިލާގެ ފަރާތުންނެވެ. ކްލިނިކު ހުޅުވައިދެއްވުމަށްފަހު ސަޢުދުﷲ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ، މިއީ ހަމައެކަނި ސިއްހީ މަރުކަޒެއް ނޫން ކަމަށާއި، މިއީ ސަދާގެ ހަނދާނީ ރަމްޒެއް ކަމަށެވެ. އަދި އެހެން މީހުންނަށް ވެދެވޭ އެހީތެރިކަމުގެ ސަބަބުން އަބަދުވެސް ސަދާގެ ހަނދާންތައް ހިތުގައި ވާނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

މި ކްލިނިކް މެދުވެރިކޮށް ފުވައްމުލަކުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބުން ފަސޭހަކޮށްދިނުމަކީ މައިގަނޑު މަގްސަދު ކަމަށާއި، މި ކްލިނިކް ހިންގާނީ މާލޭގައި ހުންނަ ޗާމް ޑެންޓަލް އެންޑް ސްކިން ކްލިނިކާ ގުޅިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

ބަނޑަށް ތަދުވެ ހޮޑުލެވޭތީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ސަދާ މަރުވީ އޮކްޓޯބަރު 3، 2021 ގައި، މީގެ ފަސް އަހަރު ކުރިންނެވެ.މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން، ސަދާގެ މަރުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ވަނީ ނިންމާފައެވެ. އަދި މަދަނީ ބަދަލު ހޯދުމުގެ ހައްގު އާއިލާއަށް ލިބިގެންވާ ކަމަށް ނިންމައި، އާއިލާގެ ފަރާތުން ވަނީ ހެލްތު މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައެވެ. މީގެ އިތުރުން، މެޑިކަލް ކައުންސިލަށް މައްސަލަ ހުށަހެޅުމުން ސަދާގެ ފަރުވާގައި އިހުމާލުވި ދެ ޑޮކްޓަރެއްގެ ލައިސަންސް ވެސް ވަނީ ބާތިލްކޮށްފައެވެ.