ދިވެހިރާއްޖޭގައި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ގައުމީ ފެންވަރުގެ ނަފުސާނީ ސިޔާސަތަކާއި ފުރިހަމަ “ނަފުސާނީ ސިއްހަތާ ބެހޭ ގާނޫނެއް” އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުރާލާ ބަލި ދެނެގަނެ، ފަސޭހައިން ހިދުމަތް ލިބޭނެ އިންސާފުވެރި ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދާނީ ނަފުސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާއާއި ބައިވެރިވުމާ އެކު، ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެންނެވެ. މިއަޒުމު ހަގީގަތަކަށް ހެދުމަށްޓަކައި ‘ނަފުސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029’ ގެ ދަށުން ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އާންމު ސިއްހީ ހިދުމަތުގެ ތެރެއަށް ނަފުސާނީ ސިއްހީ ހިދުމަތްތައް ލާމެހި، ސަރަހައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ. އަދި ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، “ގައުމީ ފެންވަރުގެ ނަފުސާނީ ސިޔާސަތަކާއި ނަފުސާނީ ސިއްހަތާ ބެހޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އެބަދޭ” ކަމަށެވެ. އަދި ސަރުކާރުގެ އިސްތިރާތީޖީ އަމާޒަކީ ނަފުސާނީ މައްސަލަތަކުން ރައްކާތެރިވުމާއި ބަލި ކުރީބައިގައި ދެނެގަނެ ފަރުވާދިނުމަށް އިސްކަންދިނުމާއި، އޯގާތެރި އަދި އެކަކު އަނެކަކަށް އެހީވާނެ މުޖުތަމައެއް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 2020 އިން 2021 އަށް ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެއް ކަމަށްވާއިރު، މިއަހަރުގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ “ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު” މިއެވެ.