English Edition
Dhivehi Edition
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އުމްރާވެރިން ފުރުން / ފޮޓޯ: މޯލްޑިވިއަން

ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހު އައްޑޫ ސިޓީ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުކުރާ ހާއްސަ އުމްރާ ދަތުރުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ. ރޯދަ މަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ މި ދަތުރު އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ގަމުން ސީދާ ޖިއްދާއަށެވެ. މި ދަތުރަށް ޖާގަ ކަށަވަރުކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް “ފަހެލި” މެދުވެރިކޮށް އަދި އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.

ހައްޖު ކޯޕަރޭޝަނުން މި ދަތުރަށް ހަމަޖައްސާފައިވާ ޕެކޭޖުތަކުގެ އަގުތަކަށް ބަލާއިރު، ރޯދަ މަހުގެ ފަހު 15 ގެ އުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. އަދި މުޅި ރޯދަ މަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ. މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެ އަންނަން ނުޖެހި، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ތައާރަފުކުރި ފުރުސަތެކެވެ.

މި ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް މަގުފަހިވެފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެންނެވެ. ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މިއީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު އުމްރާގެ އަޅުކަމަށް ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ނިންމި މުހިންމު ނިންމުމެކެވެ.

ހިދުމަތުގެ ފެންވަރާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖާޖީންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މި އުމްރާ ޕެކޭޖުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކާއި ފާމަސީގެ ހިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ހިލޭ ވެކްސިން ޖަހައިދިނުމާއި، މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ހިދުމަތާއި މަދީނާގައި 3 ރޭ ހޭދަކުރުން އަދި ދިވެހި ކެއުމާއި ލޯންޑްރީ ހިދުމަތުގެ އިތުރުން ދީނީ ދަރުސްތަކާއި އިރުޝާދު ދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ޕެކޭޖުގެ ތެރެއިން އުމްރާ ކިޓާއި، ބަގީގެ ހިދުމަތް އަދި ލޮކޭޝަން ޓްރެކިން ޑިވައިސްވެސް ފޯރުކޮށްދޭނެއެވެ. ހައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި، ޖުލައި މަހާއި ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރޯދަ މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.