English Edition
Dhivehi Edition
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާބެހޭ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ. މި ބިލުގެ މައިގަނޑު މަގްސަދަކީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ މީހުން، އެ ކުށްތަކުން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމާއި، ނުޙައްގުން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު އަލީ ފަޒާދު ވިދާޅުވީ، ރާއްޖޭގެ ޢަދުލުގެ ނިޒާމު މިހާތަނަށް ބައްޓަންވެފައި އޮތީ މައިގަނޑު ގޮތެއްގައި ކުށްކުރާ މީހުންނަށް ޖިސްމާނީގޮތުން އަދަބު ދެވޭ ގޮތަށް ކަމަށެވެ. ނަމަވެސް، ކުށްކޮށްގެން ހޯދާ ފައިސާއިން މަންފާ ހޯދުން ހުއްޓުވުމަށްޓަކައި ހާއްސަ އުސޫލުތަކެއް ކަނޑައެޅުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބިލުގެ ދަށުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުވުމާ ނުލައިވެސް މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ހިމެނެއެވެ.

މި ބިލަށް ބަހުސް ކުރެއްވި މަޖިލީހުގެ ގިނަ މެންބަރުން ވަނީ މިއީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ނަމަވެސް، ބައެއް މެންބަރުން ވަނީ ޤާނޫނުތައް ފާސްކުރުމުގެ އިތުރުން، އެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ އިޚްލާޞްތެރިކަން އޮންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.މި ބިލުގެ ދަށުން ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިންގ، ޓެރަރިޒަމް، ކޮރަޕްޝަން، މަސްތުވާތަކެތީގެ ވިޔަފާރި، އަދި 100,000 ރުފިޔާއިން މަތީގެ ވައްކަމާއި ހިޔާނާތުގެ ކުށްތައް ހިމެނެއެވެ.