English Edition
Dhivehi Edition
ރައީސް ޑރ, މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލިސް

 

ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ވަކި ދާއިރާތަކަކުން ހާއްސަ ކޮމިޓީތަކެއް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅައި، އެ އުސޫލަށް އަމަލުކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަނިކުފާނު މިފަދައިން ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގެ މަޝްވަރާއަށް ފަހުގައެވެ.

މި ނިންމެވުމާ އެކު، ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތައް އެކުލަވާލައި، އެ ދާއިރާތަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރާ ގޮތަށް ކެބިނެޓުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް، ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތައުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް މި ކޮމިޓީތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މި ކޮމިޓީތަކުގައި މެންބަރުން ކުރާ މަސައްކަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދޭ ގޮތަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި “ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް” އެކުލަވާލުމާއި ހިންގުމުގައި އަމަލުކުރާނެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ބުދަ ދުވަހު ރައީސް ވަނީ ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލީހެއް ވެސް އެކުލަވާލައްވާފައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ މަޖިލިސް އެކުލަވާލެއްވީ، ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމުގެ އިތުރުން ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯދަންޖެހޭ ކަންކަމުގައި ރައީސް މަޝްވަރާ ހޯއްދެވުމަށެވެ.

މިނިސްޓްރީތަކަށް ފަންނީ ކޮމިޓީތަކެއް އުފެއްދުމަށް ރައީސް ނިންމެވިއިރު، ސަރުކާރުގެ އެކި ދާއިރާތަކުގެ ސިޔާސަތުތައް އެކުލަވާލުމުގައި ކަމާ ގުޅޭ މާހިރުންނާއި ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.