English Edition
Dhivehi Edition

ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން، ވިޖޭ ސާލްގާއޮންކަރު (އަޖޭ ދޭވްގަން) ވަނީ ސިނަމާގެ އުކުޅުތަކާއި އޮކްޓޯބަރު 2 ވަނަ ދުވަހުގެ ހަނދާންތައް ބޭނުންކޮށްގެން އޭނާގެ އާއިލާގެ ދިފާއުގައި ގާނޫނަށްވެސް އަތުނުލެވޭނެ ފަދަ ވަރުގަދަ ފާރެއް ރާނާފައެވެ. ނަމަވެސް، ކޮންމެ ފުރިހަމަ ބަހަނާއަކަށްވެސް ނިމުމެއް އޮވެއެވެ. ‘ދްރިޝްޔަމް: ދަ ކޮންކްލޫޝަން’ ވެގެންދަނީ ޑައިރެކްޓަރު އަބީޝެކް ޕާތަކް، މަލަޔާޅަމް އޮރިޖިނަލް ފިލްމުގެ ނުފޫޒުން ބޭރުވެ، ހިންދީ ސިނަމާގެ އަމިއްލަ ސިފަތަކާއެކު ކުރިއަށްޖެހިލި ފިލްމަކަށެވެ.

މި ފްރެންޗައިޒް އާދައިގެ ޕޮލިސް އިންވެސްޓިގޭޝަން ފިލްމުތަކާ ތަފާތުވަނީ، ހަދައިގެން ދައްކާ ވާހަކަތަކެއް ހަގީގަތުގެ ގޮތުގައި ގަބޫލުކުރުވާ ގޮތުގެ މައްޗަށް ބިނާކޮށްފައިވާތީއެވެ. ވާހަކައަކީ ތެދަކަށް ވުން މަޖުބޫރެއް ނޫނެވެ. އެއީ ގަބޫލުކުރެވޭ ފަދަ އިތުބާރު ހުރި ވާހަކައަކަށް ވުމުން ފުދެއެވެ. މިއީ އިންސާނީ ނަފްސިއްޔާތުގެ އަސާސީ ގާނޫނެއްގެ މައްޗަށް ކުޅެލާ ކަމެކެވެ. މީހުން ގަބޫލުކުރާނީ އެމީހުންނަށް އެނގި ފަހުމްވާ ކަންކަމެވެ.

އަޖޭ ދޭވްގަން، ޖައިދީޕް އަހްލާވަތު، ޕްރަކާޝް ރާޖް، ތަބޫ، ރަޖަތު ކަޕޫރު، ރިޔާ ސަރަން، އިޝިތާ ދުއްތާ ފެނިގެންދާ މި ފްލުމުގައި އާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ފުލުހުން ދިހަ އަހަރުވީ މައްސަލަ އަލުން ހުޅުވާލުމުން، ނިޒާމާ ދެކޮޅަށް ތެދުވުމަށް ވިޖޭ ސާލްގާއޮންކަރަށް އޭނާގެ އެންމެ ފަހުގެ އުކުޅުތައް ބޭނުންކުރަން މަޖުބޫރުވެއެވެ. އާމިލް ކީތަން ހާން ލިޔުންތެރިކަމުން ވިޖޭގެ އާއިލާއަށް އޮތް ނުރައްކާ އިތުރަށް ބޮޑުކޮށްދެނީ މައްސަލަ އަލުން ހުޅުވާލުމަށް ވަރުގަދަ މާއްދީ ހެކިތަކެއް ތައާރަފުކޮށްގެންނެވެ. އާއިލާއަށް ދެން ސަލާމަތްނުވެވޭނެ ފަދަ ނުރައްކާތެރި ދަނޑިވަޅެއް އުފައްދައިގެން، އަބީޝެކް އާއި އާމިލް ވަނީ މި ފްރެންޗައިޒްއަށް އާ ދިރުމެއް ދީފައެވެ. ވިޖޭގެ ރައްދު ހަމަލާތައް ވެގެންދަނީ ހަމައެކަނި ނަސީބަކުން ސަލާމަތްވުމުގެ ބަދަލުގައި ފުލުހުންނަށް އޭނާ އަތުރާލާ ވަރުގަދަ މަޅިއަކަށެވެ. އާއިލީ މަޑުމައިތިރި ބިރުވެރިކަމުގެ ބަދަލުގައި ދައްކުވައިދެނީ ދައުލަތުގެ ބާރާ ދެކޮޅަށް ކުރެވޭ ވަރުގަދަ ހަނގުރާމައެކެވެ.

ކްރައިމް ބްރާންޗް އޮފީސަރު ރާޖްވީރު ސިންގް ތޯމަރުގެ ރޯލުން ފެންނަ އަހްލާވަތުގެ ބިރުވެރި އަދި ވަރުގަދަ ފެނިލުމަކީ އަޖޭ ދޭވްގަން ގެ ހިމޭން އަދި ރޭވުންތެރި ރޯލަށް ލޮޅުން ގެނުވާ ކެރެކްޓާއެކެވެ.މި ހުރިހާ ނުވަތަނަވަސްކަމެއްގެ ތެރެއިންވެސް ގޭތޮންޑޭ (ކަމްލޭޝް ސާވަންތު) ފެނިގެންދެއެވެ. ފުރަތަމަ ފިލްމުގައި ފެނުނު އަނިޔާވެރި ފުލުހެއްގެ ބަދަލުގައި، އޭނާ ވެގެންދަނީ އޮކްޓޯބަރު 2 ވަނަ ދުވަހަކީ އެންޓި-ހީރޯއަކަށް ބަހަނާއަކަށް ވެފައިވާކަން ބެލުންތެރިންނަށް ހަނދާންކޮށްދޭ މަޖާ ކެރެކްޓަރަކަށެވެ.