English Edition
Dhivehi Edition
މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

ރަސްމާލޭގައި “މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ” ގެ ނަމުގައި 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމުގައި، ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތް ފިޔަވައި އެހެން ބަޔަކަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެއިން ވިއްކާ ޕްރޮޕަޓީ ގަންނަ މީހާއަށް ލިބޭނީ އެ ގަންނަ ޕްރޮޕަޓީއެއްގެ މިލްކުވެރިކަން އެކަނި ކަމަށާއި ބިމުގެ މިލްކުވެރިކަން ނުލިބޭނެ ކަމަށެވެ. އަދި އެފަދަ ތަނެއް ގަންނަ މީހަކު މަރުވުމުން ވާރިސުންނަށް އެތަން ބަދަލުވާނީ ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ކަނޑައެޅިފައިވާ ފީއެއް ދެއްކުމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ އެވެ. އަދި ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ ބޭރު މީހަކަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫނެވެ. ވިސާ ދޫކުރުމާއި ކެންސަލް ކުރުމުގެ ފުރިހަމަ ބާރު އޮތީ އިމިގްރޭޝަން ގާނޫނުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނަށެވެ.