ރާއްޖެއަށް ވައިގެ މަގުން އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު އިމިގްރޭޝަނަށް ފޯރުކޮށްނުދޭ ފަރާތްތައް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދުގެ ދަށުން، ކޮންމެ އުޅަނދެއް ވެސް ރާއްޖެއަށް އައުމުގެ ކުރިން ނުވަތަ ރާއްޖެއިން ފުރުމުގެ ކުރިން ދަތުރުވެރިންގެ ފުރިހަމަ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
މި ގަވާއިދު އެކުލަވައިލުމުގެ މައިގަނޑު މަގުސަދަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުކުރުމެވެ. ހާއްސަކޮށް ބިދޭސީންގެ ތެރެއިން ނުރައްކާތެރި ކުށްތަކާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވާ މީހުންނާއި، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންހުރި މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަނެ، އެފަދަ ފަރާތްތައް ހުއްޓުވުމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަކީ މި އުސޫލުގެ މުހިންމު ބޭނުމެކެވެ.
އާ ގަވާއިދުގެ ދަށުން އެއާލައިންތަކުން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުކުރާ ބޯޓުގެ ތަފުސީލާއި، ފުރާ އަދި ޖައްސާ ތާރީހާއި ގަޑީގެ އިތުރުން ފަސިންޖަރުންގެ އަދަދު ހިމެނެއެވެ. މީގެއިތުރުން ކޮންމެ ދަތުރުވެރިއެއްގެ ފުރިހަމަ ނަމާއި، ޖިންސާއި، ގައުމާއި، ޕާސްޕޯޓް ނަންބަރާއި، ސީޓު ނަންބަރުގެ އިތުރުން ދާގީނާއާއި ވިސާގެ ތަފުސީލާއި، އެ މީހާގެ ދާއިމީ އެޑްރެހާއި ދަތުރުކުރާ މަންޒިލުގެ އެޑްރެސް ވެސް ހިމަނަންޖެހެއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި މައުލޫމާތުތައް އެ އިދާރާގެ އިތުރުން، ކަސްޓަމްސްއާ ވެސް ހިއްސާކުރެވޭނެއެވެ. އަދި ޓެރަރިޒަމާ ގުޅުންހުރި ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާއްސަ ހާލަތްތަކުގައި، ކަމާގުޅޭ އިންޓެލިޖެންސް އިދާރާތަކާ ވެސް މި މައުލޫމާތުތައް ހިއްސާކުރުމަށް ގަވާއިދުގައި ވަނީ ލާޒިމުކޮށްފައެވެ.
ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާ މި އާ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީވެ، ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އިތުރަށް ފެތިގެންދާނެ ކަމަށް ބެލެވެއެވެ.