English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޒަމާނީ ޓެކްނޮލޮޖީއާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަކުރުމަށްޓަކައި ޒަމާނީ ހުނަރުތަކަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް ‘އެކްސް’ގައި ޝާއިއުކުރެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ކުރީ ސަފުގައި ރާއްޖެ ދެމިއޮތުމުގެ އަސްލަކީ ދާއިރާގެ މަސައްކަތްތެރިންނާއި، އާންމު ރައްޔިތުން އަދި ޕާޓްނަރުންގެ ބުރަ މަސައްކަތް ކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދާއި ތަރައްގީގެ އެންމެ މުހިންމު ބިނާއަކީ އަދިވެސް ފަތުރުވެރިކަމެވެ. އެހެންނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ސަބަބުން މި ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާތީ، އެ ބަދަލުތަކަށް ލޯހުޅުވި، އައު ވިސްނުންތަކާއި އީޖާދުތަކާއެކު ރާއްޖެއިން މި ސިނާއަތުގެ ލީޑަޝިޕް ދަމަހައްޓަންޖެހެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 27 ވަނަ ދުވަސް ފާހަގަކުރަނީ، ގައުމުތަކުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމުގައާއި ދުނިޔޭގެ މުޖުތަމައުތައް ގުޅުވައިދިނުމުގައި މި ދާއިރާގެ ދައުރު ހާމަކުރުމުގެ މަގްސަދުގައެވެ.