English Edition
Dhivehi Edition
ސޯޝަލް މީޑިއާގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރުތައް ގިނަ

މިއަދުގެ ދުނިޔޭގައި ޓިކްޓޮކް، ފޭސްބުކް, އިންސްޓަގްރާމް އަދި ކްލަބްހައުސް ފަދަ ސޯޝަލް މީޑިއާ މަންސަތަކަކީ މުވާޞަލާތު ކުރުމަށާއި މައުލޫމާތު ބަދަލުކުރުމަށް އާންމުން އެންމެ ގިނައިން ބޭނުންކުރާ ވަސީލަތްތަކެވެ. ނަމަވެސް، ފަހަކަށް އައިސް މި ވަސީލަތްތަކުގެ ބޭނުން ނުބައި ގޮތުގައި ހިފައި، އިސްލާމީ އަހްލާގާއި ދިވެހިންގެ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ވަނީ އާންމުވެފައެވެ. ވަކި އުމުރުފުރާއަކަށް ބެލުމެއްނެތި، މެދު އުމުރުގެ މީހުންނާއި ޒުވާނުން ހިމެނޭހެން، ގިނަ އަދަދެއްގެ މީހުން އިންސާނީ ކަރާމާތާއި ލަދުވެތިކަމުގެ އިންތައް ފަހަނައަޅައިދިއުން ވަނީ މުޖުތަމައުގެ ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ.

ލައިވްސްޓްރީމްތަކުގަ އާއި ވީޑިއޯތަކުގައި ހުތުރު ބަހުން ވާހަކަދެއްކުމާއި، އެކަކު އަނެކަކަށް ގޮންޖަހައި، ހަޑިހުތުރު ބަހުން ޒުވާބުކޮށް އާންމުންގެ ކުރިމަތީގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ޖެއްސުންކުރުމާއި، މީހުންގެ ސިފައަށާއި އާއިލާއަށް ނިސްބަތްކޮށް ކަރާމާތް ކެނޑޭ ގޮތަށް މަލާމާތްކޮށް ވީޑިއޯތައް އާންމުވެއްޖެއެވެ. ލައިވްސްޓްރީމްތަކުގައި އެކަކަށްވުރެ އަނެކަކު ގަދަވުމަށް މަސައްކަތްކުރާ މަންޒަރު އާންމުވެއްޖެއެވެ. ލަދުވެތިކަމުގެ އިންތައް ފަހަނައަޅައި، ހަށިގަނޑު އެކީ ނުވަތަ ބައެއް ބަރަހަނާކޮށްގެން ނެށުމާއި ބޭއަދަބީ ހަރަކާތްތައް އެކުލެވޭ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުން ޓްރެންޑަކަށްވެއްޖެއެވެ. މިފަދަ ނޭދެވޭ ވީޑިއޯތައް ޝެއާކޮށް، އެއަށް ކޮމެންޓުކޮށްގެން މަޖާނެގުމުގެ ސަގާފަތެއް އުފެދި، ގޯސް ކަންކަން ނޯމަލައިޒްވެއްޖެއެވެ.

މެދު އުމުރުގެ މީހުން މިފަދަ ކަންކަމުގައި ބައިވެރިވުން:

ކުރިއާއި އަޅާ ބަލާއިރު މެދު އުމުރުގެ މީހުން މިކަންކަމުގައި ބައިވެރިވާ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. “މިހާރު ފޭސްބުކްވެސް ޑިލިޓްކޮށްލައިފިން. މުޅިންވެސް މި ފެންނަނީ މަންމަ އުމުރުގެ މީހުން ޒުވާބުކުރާ މަންޒަރާއި އެކިއެކި ޑާންސް ވީޑިއޯތައް. އަސްލު މިދެވެނީ ޒުވާނުންނަށް ވަރަށް ގޯސް މެސެޖެއް. މިވަރުން ދަންޏާ އަދި ޓިކްޓޮކްވެސް ދޫކޮށްލާނަން” ޒުވާނަކު ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި ލިޔެފައިވެއެވެ.

މެދު އުމުރުގެ މީހުން މިފަދަ ކަންކަމުގައި ބައިވެރިވާ ސަބަބުތަކުގެ ތެރޭގައި ސޯޝަލް މީޑިއާއަށް އެހާ ބޮޑު އަހުލުވެރިނުވުމަކީ އެންމެ ބޮޑު އެއް ސަބަބެވެ. އުމުރުގެ ވަކި ހިސާބަކުން ސޯޝަލް މީޑިއާ ބޭނުންކުރަން ފަށާއިރު އެކަމާއި ގުޅޭ ރަނގަޅު މައުލޫމާތު ހޯދިފައި ނެތުމަކީ އާންމުކަމެކެވެ. އެހެންކަމުން ޒުވާން ދުވަސްވަރު މީހުންގެ ސަމާލުކަން ހޯދުމަށް ނުލިބުނު ފުރުސަތުތައް ސޯޝަލް މީޑިއާގެ “ލައިކްސް”، “ކޮމެންޓްސް” އަދި “ގިފްޓްސް” ތަކުގެ މެދުވެރިކޮށް ހޯދަން މަސައްކަތްކުރުމާއި އޮންލައިންކޮށް ލިބޭ ތައުރީފާއި ސަމާލުކަމަކީ ތިމާގެ އަގު ވަޒަންކުރެވޭ ގޮތެއް ކަމަށް ދެކެވި، އެކަމަށް ނަފްސާނީ ގޮތުން ބަރޯސާވެވެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ އާންމު ރޫޓީންގެ ތެރެއިން ފޫހިފިލުވުމަށް ނުވަތަ އޮންލައިން އެކުވެރިންގެ ތެރޭގައި މަގުބޫލުކަން ހޯދުމަށް ކުރެވޭ ކަންކަން އިމުން ބޭރުވެގެންދިއުން ވަނީ އާންމުވެފައެވެ.

އިޖްތީމާއީ ގޮތުން ދިމާވާ މައްސަލަތައް

ދުނިޔޭގައި އުޅެންވީ އިމާއި، އަމިއްލަ އަބުރަށް ކުރާނެ ނޭދެވޭ އަސަރު ފުރިހަމައަށް ވަޒަން ނުކުރެވި ކުރެވޭ ކަންކަމުގެ ސަބަބުން އާންމުންގެ ފުރައްސާރަ އާއި މަލާމާތް ތަހައްމަލުކުރަންޖެހި، ޑިޕްރެޝަނާއި އެންޒައިޓީއާ ކުރިމަތިލާންޖެހެއެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު ނޭދެވޭ އަމަލުތައް (މިސާލަކަށް: ޒުވާބުކުރުން ނުވަތަ ބޭއަދަބީ ހަރަކާތްތައް) އޮންލައިންކޮށް ފެނުމުން، ދަރިންގެ ކުރިމަތީގައި އޮންނަ ގަދަރާއި އިހުތިރާމް ގެއްލިގެންދެއެވެ. އާއިލާގެ މެންބަރުންނާއި ގާތް ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން މަލާމާތާއި ފުރައްސާރަ ލިބި، އާއިލީ ގުޅުންތަކަށް ބުރޫއަރައެވެ.

ޒުވާނުންނާއި ކުޑަކުދިންނަށް ރަނގަޅު ނަމޫނާއަކަށް ވާންޖެހޭ އުމުރުގެ މީހުންގެ ފަރާތުން އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ފެނުމުން، ކުރިއަށް އޮތް ޖީލުތަކަށް އެފަދަ ގޯސް އާދަކާދަތައް ނަކަލުވެ، މުޖުތަމައުގެ އިޖުތިމާއީ ފޭރާމަށް ހީނަރުކަން އާދެއެވެ. ހަގީގީ ދިރިއުޅުމުގެ ޒިންމާތަކާއި ގުޅުންތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، އޮންލައިން އެކުވެރިންނާ ވާޗުއަލް ދުނިޔެއަށް މުޅި ދިރިއުޅުން ބަދަލުވެގެންދެއެވެ. މުޖުތަމައުގައި ލަދުވެތިކަމާއި އިހްތިރާމްކުރުމުގެ ސަގާފަތް ނެތިގޮސް، ހުތުރު ބަހުން ވާހަކަދެއްކުމަކީ އާންމު ކަމެއްގެ ގޮތުގައި ބަލައިގަނެވެއެވެ.

މިކަމުގެ ހައްލަކީ ކޮބާ؟

ސޯޝަލް މީޑިއާއަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ މައުލޫމާތާއި ގުޅުންތައް ބަދަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. ނަމަވެސް، އެ ވަސީލަތްތަކުގެ އިމުން ބޭރުވެ، އަހުލާގީ މިންގަނޑުތައް މުގުރާލުމަކީ މުޅި މުޖުތަމަޢުގެ އިޖުތިމާއީ ފޭރާމަށް ލިބޭ ބޮޑު ހީނަރުކަމެކެވެ. މިކަމުން ސަލާމަތްވެވޭނީ ފަރުދީ ޒިންމާ އަދާކޮށް، އިސްލާމީ ރީތި އަހްލާގާއި ދިވެހިންގެ އިޖުތިމާއީ ހަމަތައް ނެގެހެއްޓުމަށް އެންމެން އެކުވެރިވެގެން މަސައްކަތް ކޮށްގެންނެވެ.

ސައިބަރ ބުލީކުރުމާއި، ބަރަހަނާކަން ފެތުރުމާއި އަބުރަށް އަރައިގަންނަ ފަރާތްތަކާމެދު ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ފިޔަވަޅު ވަރުގަދަކުރަންޖެއެވެ. މީޑިއާ ބޭނުންކުރާނެ ރަނގަޅު ގޮތްތަކާއި، އިސްލާމީ އަހުލާގީ މިންގަނޑުތަކަށް އާންމުންނާއި ބެލެނިވެރިން ހޭލުންތެރިކުރަންޖެހެއެވެ. ނޭދެވޭ ވީޑިއޯތައް ޝެއާ ނުކުރުމާއި، އެފަދަ ކަންކަމަށް ހިތްވަރު ނުދީ ރިޕޯޓު ކުރުމުގެ އާދަ އަށަގަނުވަންޖެހެއެވެ.ގޭތެރޭގެ މާހައުލުގައި ވަސީލަތްތައް ބޭނުންކުރުމުގެ މިންގަނޑުތަކެއް ކަނޑައެޅުމާއި، ކުދިންނަށް ނަމޫނާ ބެލެނިވެރިޔަކަށްވާންޖެހެއެވެ.