English Edition
Dhivehi Edition
ތިލަމާލެ ބުރިޖު

ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ. ޖުމްލަ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ހަތަރުބައިކުޅަ ތިންބައި މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސައްކަތް އޮތީ ބޮޑު މަޑުޖެހުމެއްގެ ތެރޭގައި ކަމަށާއި، އޭރު ނިމިފައިވަނީ މަޝްރޫއުގެ އެންމެ 27 ޕަސަންޓު ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މަސައްކަތުގެ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް އަވަސްކުރެވިފައިވާ ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 6.7 ކިލޯމީޓަރުގެ ތެރެއިން، މާލެއިން ވިލިމާލެއަށް ގުޅާލާ 2.05 ކިލޯމީޓަރުގެ ބައި އޮގަސްޓް މަހުގެ ފަހު ހަފުތާގައި ވަނީ އެއްކޮށް ގުޅާލާފައެވެ. ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ މާލެއާއި ވިލިމާލެ ގުޅުވައިދޭ ބައިގެ ފިނިޝިން މަސައްކަތްތައް ކަމަށާއި، އޭގެ ތެރޭގައި މީޑިއަން ބެރިއަރ ޖެހުމާއި ތާރު އެޅުމުގެ ކުރިން ޑެކުގައި ކުރަންޖެހޭ ފަންނީ ތައްޔާރީތައް ހިމެނޭ ކަމަށެވެ. މީގެއިތުރުން ރެއިލިން ހަރުކުރުމާއި، މަގުބައްތިތަކާއި ސީސީޓީވީ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ދަނީ ކުރަމުންނެވެ.

މާލެއާއި ވިލިމާލެ ގުޅާލުމުގެ އިތުރުން، ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތްތައް ވެސް ބާރު ދުވެލީގައި ދަނީ ކުރިއަށެވެ. ހަމައެއާއެކު އެ ރަށްތައް ހުރަސްކޮށް އަޅާ ހައިވޭތަކުގެ މަސައްކަތްތައް ވެސް އެކުއެކީގައި ކުރިއަށް ގެންދާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ދައުލަތުގެ ބަޖެޓުން ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ބުރިޖުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބި، ސިނާއީ އަދި ވިޔަފާރީގެ ހަރަކާތްތަކަށް އިންގިލާބީ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.