ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިންނެވެ.
އެ ދުވަހުގެ ހަވީރު 16:30 ހާއިރު މޫދު ކުލާހުގެ ‘ވޯޓާ ބްރޭކް’ ވަގުތުގައި އެއްގަމަށް އަރަން ދިޔަ މީހަކު، ނޭވާލާން އުނދަގޫވާ ކަމަށް ބުނުމާ ގުޅިގެން ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ ރޭ 18:14 ހާއިރު އެމީހާ ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ. ނިޔާވި މީހާގެ ހަށިގަނޑު އިތުރު މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްޓަކައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ޓެސްޓުތައް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.