އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނައިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލްލިޓަރަސީ އަދި ސްކޭމް އެވެއާނަސް ސެޝަނެއް ބާއްވައިފިއެވެ.
އުރީދޫއިން ބުނީ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާ، ޑިޖިޓަލް ހިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް ކަމަށެވެ. ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިން ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ސްކޭމްތަކާއި މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކަކީ، ހާއްސަކޮށް ބަދަލުވަމުންދާ ޑިޖިޓަލް ނުރައްކާތަކަށް މާބޮޑަށް އަހުލުވެރިވެފައިނުވާ ފަރާތްތަކަށް، ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަންބޮޑުވުމެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ ޑިޖިޓަލްވަމުންދާ މުޖުތަމައެއްގައި އެންމެންނަށްވެސް ރައްކާތެރިކަމާއެކު ބައިވެރިވެވޭނެކަން ކަށަވަރުކުރުމުގެ މުހިންމު ކަމަށެވެ. އެ ކުންފުނިން މިސެޝަންތައް އިންތިޒާމުކުރީ އޮންލައިންކޮށް ރައްކާތެރިވުމަށް ބޭނުންވާ އަމަލީ މައުލޫމާތު އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދިނުމަށްކަން ފާހަގަކޮށް އުރީދޫއިން ބުނީ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްކޭމްތަކަށް ހޭލުންތެރި ކުރުވުމަށް ކަމަށެވެ.
މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި، ފިޝިން ލިންކްތަކާއި، އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތްކުރުމާއި، އަދި މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ބާވަތްތަކަށް ބައިވެރިން އަހުލުވެރިކުރުވި ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ޕާސްވޯޑާއި، އޯޓީޕީއާއި، ބޭންކިން މައުލޫމާތާއި، އަދި އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ޝައްކުކުރެވޭ ފަދަ މުއާމަލާތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް މި ސެޝަންގައި ކިޔައިދީފައިވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އިތުރަށް އުރީދޫއިން ބުނީ ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން، މި އިންޓަރެކްޓިވް ޕްރޮގްރާމްގައި ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ހިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދީފައިވާ ކަމަށެވެ.